ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރަށްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލި ސިވިލް ސާވަންޓުންގެ ސަސްޕެންޝަނާ ގުޅިގެން އެމީހުންނަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް މިރޭ ރާއްޖޭގެ ބައެއް މީޑިއާތަކަށް ވިދާޅުވީ މައްސަލަ ބަލައިނުގަންނަން ކޯޓުން ނިންމީ، އެ މައްސަލަ ބެލުމުގެ އިހްތިސޯސް އެ ކޯޓަށް ލިބިގެން ނުވާތީ ކަމަށެވެ.ހައިކޯޓުން ބުނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުށަހެޅި ދުސްތޫރީ މައްސަލައަކީ އެ ކޯޓަށް އިހުތިސާސް ލިބިދޭ ބާވަތުގެ ދުސްތޫރީ މައްސަލައެއްކަމުގައި ނުވާތީ، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިނުގަންނަން ނިންމާފައިވާ ކަމަށެވެ."ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ސިވިލް ސާވަންޓުންގެ ސަސްޕެންޝަނާ ގުޅިގެން، ސިވިލް ސާވިސް ކޮމިޝަނުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓަށް އިހުތިސާސް ލިބިދޭ ބާވަތުގެ ދުސްތޫރީ މައްސަލައެއްކަމުގައި ނުވާތީ، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިނުގަންނަން ވަނީ ނިންމާފައި." ހައިކޯޓުން ބުންޏެވެ.ކޮވިޑް-19އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިން މިމަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިހާބު މި މަހުގެ 18އަށް ފަސްކޮށްފަ އެވެ. ނަމަވެސް ގާނޫނެއް ފާސްކޮށްގެން އަންނަ އަހަރުގެ ޖެނުއަރީ މަހަށް އިިންތިހާބު ފަސް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ދަނީ ކުރަމުންނެވެ. އެހެންކަމުން، މިފަހަރުގެ އިންތިހާބަށް ކުރިމަތިލި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އެ މުއްދަތަށް އިތުރުވެ ގެއްލުންވާނެތީ އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.