ޚަބަރު
މިހާރު އޮތް ހާލަތަށް ބަލާއިރު، ގޭގޭގައި ބަލި ޖެހިފައި ހުރި މީހަކު ހުއްޓަސް ނޭނގޭނެ: ޑރ. އަފްޒަލް
ކޮވިޑް-19 ގެ ނުރައްކާ ރާއްޖޭގައި މިހާރު އޮތް ހާލަތަށް ބަލާއިރު، ގޭގޭގައި ބަލި ޖެހިފައި ހުރި މީހަކު ހުއްޓަސް ނޭނގޭނެ ކަމަށާއިި އެމީހާގެ ފުށުން ގޭގައި ތިބި މީހުންނަށް ބަލި ޖެހޭނެ ކަމަށާއި އަދި އެއީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް އެދިއްޖެއެވެ.

މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، އެއް ގެއިން އަނެއް ގެއަށް އެ ބަލި ދިޔުން ހުއްޓުވިދާނެ ކަމަށާއި އެއް ގެއިން އަނެއް ގެޔަށް ދިއުން ހުއްޓާލަފައިވާ ގޮތަށް ކޮންމެހެން ފޮނުވަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ތަށިބަރު ބަދަލު ނުކުރުމަށް އިލްތިމާސްކުރެއްވި އެވެ.

ތަށި ބަރި ފޮނުވާ ނަމަ ވެސް އެއާ މެދު އަމަލު ކުރާނީ ހަމަ ބޭރުން ގެންނަ އެހެން އެއްޗިއްސާ މެދު ވެސް އަމަލު ކުރާ ގޮތަށް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. އެގޮތުން ދޮވެވޭ އެއްޗެއް ނަމަ ބޭރު ރަނގަޅަށް ދޮވުން އަދި ކޮންޓެއިނާއެއް ނަމަ އަމިއްލަ ގޭގައި ބޭނުންކުރާ ތައްޓަކަށް ބަދަލުކޮށް އެ ކޮންޓެއިނާއެއް އަވަހަށް އެއްލާލުމަށް ޑރ. އަފްޒަލް އިލްތިމާސް ކުރެއްވި އެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭނެ ހަގީގަތުގައި ހާއްސަކޮށް އެ ސިމްޓޮމެޓިކް މީހުން އެހާ ގިނައިން ތިބޭއިރު ގޭގައި ބަލި މީހަކު އުޅޭ ކަމެއް، އޭނާގެ ގޭގެ މީހުންނަށް ބަލި ޖެހުމަކީ އޭނާއަކަށް ހުއްޓުވޭނެ ކަމެއް ނޫން، އެހެންނަމަވެސް އެއް ގެއިން އަނެއް ގެއަށް ތަށިބަރި އެއްޗެހި ފޯރުކޮށްދިނުމުގެ ކަންތައް ކުރިއަށް ގެންދާނަމަ އެއް ގެއިން އަނެއް ގެއަށް ބަލި ދިއުމުގެ ފުރުސަތު އިތުރުވެގެންދާނެ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ އެންމެ އެދެވޭ ވަރަށް ޓެސްޓު ނުކުރެވުމުގެ ސަބަބުން ނޭނގި، އާއިލާތަކަށް ކޮވިޑް-19 ފެތުރެމުންދާ ކަމަށެވެ. އަދި މިއީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ވެސް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ޑރ. ޝީނާ ސިފަކުރެއްވި އެވެ.

"ޓެސްޓު ނުކުރެވުމަކީ އަސްލު ކަންބޮޑުވާ ކަމެއް. ޑިޓެކްޓް ނުވެ އިންފެކްޝަން އުޅުމަކީ ނޭނގި ހުރެ ކްރޯނިކް ޑިޒީސަސް މީހުންގެ ހާލު ކުއްލިއަކަށް ބޮޑުވެގެންދާ ކަމެއް. އޭގެ މާނައަކީ ޕޭޝަންޓް ލިބޭއިރުގައި ބަލިބޮޑުވެފައޭ މި އޮންނަނީ. މެނޭޖު ނުކުރެވޭނެއޭ. ރިސްކު އޮންނަނީ އާލީކޮށް ޑިޓެކްޓު ނުކުރެވޭތީ. އެހެންވީމަ އެކްޓިވްކޮށް ކޭސް ހޯދައި ކުރީ ބައިގައި ބަލި ދެނެގަތުން ވަރަށް މުހިންމު. ހާއްސަކޮށް ކްރޯނިކް ޑިޒީޒަސް ހުންނަ މީހުންނާ އުމުރުން ދުވަސްވީ މީހުންނާ،" ޑރ. ޝީނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާޅުވީ މި މަހުގެ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށާއި، މެއި 31 ވަނަ ދުވަހުގެ ސާޖް ކުޑަނުކުރެވިއްޖެނަމަ، ޖޫން މަހަށް ވެސް ސާޖް ދެމިގެން ހިނގައިދާނެ ކަމަށެވެ.

ހަމައެއާއެކު ރާއްޖެ ޕީކަށް ދާނެކަމަށް އަންދާޒާކުރެވިފައި ވަނީ ރަމަޟާން މަސް ނިމި، އީދާ ދިމާކޮށް ކަމަށްވާތީ، ވިޔަފާރި ކުރުމާއި މީހުންނާ ބައްދަލުކޮށް، ބޭރަށް ނުކުމެ އުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ޑޮކްޓަރު އިލްތިމާސްކުރެއްވިއެވެ.

މާލެއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާ އެކު މުޅި މާލެ ލޮކްޑައުންކޮށްފައި ވާއިރު، ވިޔަފާރި ބޭނުމަށާއި މި ނޫން ވެސް ކަންކަމުގައި ދޫކޮށްފައިވާ ވަކި ހާއްސަ ފާސްތަކަކަށް ވަކި ވަގުތެއްގައި ނޫނީ ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. 

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާރު ތިން މީހުން މަރުވެފައިވާއިރު، 648 މީހުން ގައިން މިބަލި ވަނީ ފެނިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
67%
0%
0%
33%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު