ޚަބަރު
ކައުންސިލްގެ ދައުރު ދަންމަން ސުޕްރީމް ކޯޓަށް ދެވިދާނެ: ރައީސް ނަޝީދު
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން، ސުޕްރީމް ކޯޓަށް ލަފައެއް ދެވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި މައްސަލާގައި ބަންޑާރަ ނައިބާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ގާނޫނު އަސާސީ އިސްލާހު ކުރަން އިއްތިފާގުވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުންނަށް އެއީ އެންމެ ރަނގަޅު ލަފައެއްގެ ގޮތުގައި ފެނިފައި ނުވާ ކަމަށެވެ.

"ބަންޑާރަ ނައިބު ވިދާޅުވާ ގޮތްތަކެއް އެބަވޭ. އަދި ކައުންސިލަ ޖެނެރަލް އިއްތިފާގުވޭ އެ ހަމަތަކާ. ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުން އެއްބަހެއް ނުވޭ މި ހަމަތަކާއެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ އިތުރުން މަޖިލީހުން ލަފައެއް ހޯދެން އޮތް މުއައްސަސާއަކީ ރާއްޖޭގެ އެންމެ މަތީ ޝަރުއީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓު ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ލަފައެއް ހޯދޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ ގޮތަށް ފާސްކޮށްގެން ކަމަށެވެ.

"ގާނޫނު އަސާސީގައި ދެން ލަފާ ހޯދާ ތަނަކަށް މި އޮންނަނީ ސުޕްރީމް ކޯޓުން، އެ މަގުން ހިނގައިގެން ވަގުތީ ހައްލެއް ލިބިދާނެ ކަމަށް. އެކަން ކުރަން ނިންމާނީ މެންބަރުން. މެންބަރުން ފާސްކޮށްގެން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ނިންމޭނީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ކައުންސިލަރުންގެ ދައުރު ދަންމާލަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލައިގައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފަ އެވެ.

ގާނޫނު އަސާސީ އިސްލާހު ކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފައި ވީނަމަވެސް، ޕާޓީގެ ނިންމުމާ އެއްގޮތަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަދި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ލަފާދެއްވައިފައެވެ. އޭޖީ އަދި ކައުންސެލް ޖެނެރަލް ވެސް ވިދާޅުވެފައި ވަނީ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ ގާނޫނު އަސާސީ އިސްލާހުކުރުން ކަމަށެވެ. އަދި ގާނޫނު އަސާސީ އިސްލާހު ކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީން ރޭ ވަނީ ނިންމާފައިއެވެ. 

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ގާނޫނު އަސާސީ އިސްލާހު ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި ބައެއް މެންބަރުން މިއަދު ތަޅުމުގައި ވާހަކަ ދެއްކެވި އެވެ. އެ މެންބަރުން އަދިވެސް ގެންދަވަނީ ގާނޫނު އަސާސީ އިސްލާހު ކުރުމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.

ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނުގައި ކަން އޮތްގޮތާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ގާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ސުޕްރީމްކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. 

ކޮވިޑް-19 ގެ ބަލިމަޑިކަމުގެ ހާލަތުގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭއިރު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށް ހަމަވެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު