
ކައުންސިލަރުންގެ ދައުރު ދަންމާލަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލައިގައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފަ އެވެ.މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަދި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ލަފާދެއްވައިފައެވެ. އޭޖީ އަދި ކައުންސެލް ޖެނެރަލް ވެސް ވިދާޅުވެފައި ވަނީ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ ގާނޫނު އަސާސީ އިސްލާހުކުރުން ކަމަށެވެ.މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރު ކުރަން ގާނޫނު އަސާސީ އިސްލާހު ކުރުމާމެދު ހިޔާލު ކަފިވެ ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފޮނުވީ މިދިޔަ ބުދަ ދުވަހު އެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މައްސަލަ ދިރާސާކުރައްވައި މިއަދު ވަނީ، މަޖިލީހުން އެދުނު އިސްތިޝާރީ ލަފާ މަޖިލީހާ ހިއްސާކޮށްފައެވެ.