ޚަބަރު
ޑީއާރުޕީން ދަރަނީގެ މައްސަލަ އިސްތިއުނާފުކުރަން ފުރުސަތެއްނެތް: ސުޕްރީމް ކޯޓު
ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރްޕީން، އެމްޓީސީސީ އިން ހޯދާފައިވާ ޚިދުމަތްތަކުގެ އަގުގެ ގޮތުގައ ދަންކަންޖެހޭ 1.1 މލިޔަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރަން ފުރުސަތު ދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުންވެސް ނިންމައިފި އެވެ.

މި ފައިސާ ހަ މަސްދުވަސް ތެރޭގައި ދެއްކުމަށް ޑީއާރުޕީގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށް އެދި ޑީއާރުޕީން ހައިކޯޓަށް ދިއުމުން އެ ކޯޓުން ވެސް ވަނީ ސިވިލްކޯޓުގެ ހުކުމަށް ތާއިދުކޮށްފައި އެވެ. އަދި ސުޕްރީމް ކޯޓަށް ހުށައެޅުމުން އެ މައްސަލަ އެ ކޯޓުގައި އިސްތިއުނާފުކުރުމަށް ހުއްދަ ދިނުމާމެދު ގޮތެއް ނިންމުމަށް އެމައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބޭއްވުމަށް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން އޮތީ ނިންމާފައެވެ.

އިޖްރާއީ އަޑުއެހުމުގައި ދެކެވުނު ވާހަކަތަކަށް ބިނާކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމެވި ނިންމުމުގައިވަނީ ޑީއާރުޕީން އެ ފައިސާ ދައްކަން ޖެހޭ ކަމަށް ހައިި ކޯޓުން ކުރި ހުކުމް ރަނގަޅު ނޫން ކަމަށް ބުނާ ބުނުން ފިޔަވައި އެކަމަށް ބާރު ދޭ އެއްވެސް ގާނޫނީ އަސާސެއް އެ ޕާޓީގެ ފަރާތުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދި ކޯޓުތަކާ ބެހޭ ގާނޫނު އޮތްގޮތުން ހައި ކޯޓުގެ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވޭނީ ވަކި ހާލަތްތަކެއްގައި ކަމަށާއި އަދި އެ މައްސަލާގައި އެފަދަ ގާނޫނީ ބަހުސެއް އޮތްކަން ޑީއާރުޕީއަށް ނުދެއްކޭތީ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.

ޑީއާރުޕީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި އެ ޕާޓީގެ އިސް ބޭފުޅުން ޕާޓީ ދޫކުރައްވައި، ވަޑައިގަތްއިރު އެ ޕާޓީއަށް އޮތީ މާލީ ބޮޑެތި މައްސަލަތަކަކާ ކުރިމަތިވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު