ޚަބަރު
ބޭރުގެ އޮބްޒާވަރުންނަށް އިންތިހާބު މޮނީޓާކުރަން ކުރިމަތިލާން ހުޅުވާލައިފި
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރަން ބޭރުގެ ޖަމިއްޔާތަކަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިއަދުން ފެށިގެން އަންނަ ޖުލައި 25ގެ ނިޔަލަށް މި ކަމަށް އެދި ކުރިމަތިލެވޭނެ ކަމަށެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބު މޮނީޓާކުރަން ބޭނުންވާ ފަރާތްތަކަކީ އެމީހަކު ރިޕްރެޒެންޓު ކުރާ ޖަމިއްޔާއަކުން އެކްރެޑިޓްކޮށްފައިވާ މީހަކަށްވާންޖެހޭނެ ކަމަށެވެ. އަދި އެއީ 18 އަހަރު ފުރި، އެއްވެސް ކެންޑިޑޭޓަކަށް އަދި ޕާޓީއަކަށް ކެމްޕެއިން ކުރާ މީހަކަށްވެގެންނުވާނެ ކަމަށް ވެސް އިލެކްޝަންސް އިން ބުނެ އެވެ.

ރިޔާސީ އިންތިހާބު މޮނީޓާކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކުން ކޯޑް އޮފް ކޮންޑަކްޓެއް އަދި ގަރާރެއްގައި ސޮއި ކުރަންޖެހޭނެ އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ތައްޔާރީތައްވަމުންނެވެ. އެގޮތުން އެކަމަށް ބޭނުންވާ މުވައްޒަފުން ނަގައި، ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އަދި އިންތިހާބު ކުރިއަށްދާއިރު އިލެކްޝަންސް ކޮމިޝަނުގެ މައި މަރުކަޒަކީ ދަރުބާރުގެ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ މިފަހަރުގެ ރިޔާސީ އިންތިހާބުގައި 280،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު އިލެކްޝަންސް ކޮމިޝަނުން ބުނީ ގާތްގަނޑަކަށް 600 ވޯޓުފޮށި ބަހައްޓާނެ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު