ޔޫތު ލީޑާރސް ނެޓްވޯކުން ޒުވާން އިސްވާރުން ބިނާކުރަން ބާއްވާ މިއަހަރުގެ ފުރަތަމަ ފޯރަމް މ.ކޮޅުފުށީގައި ފަށައިފިއެވެ. މި ފޯރަމްގައި މ. އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެއެވެ.
ފޯރަމް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުاللهއެވެ. ފޯރަމް ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރު ވިދާޅުވީ ،ފޯރަމް ވެގެންދާނީ ކޮޅުފުއްޓާއި މ. އަތޮޅަށް ވެސް ވަރަށް މުހިއްމު ފޯރަމަކަށް ކަމަށެވެ.

އިމްރާން ވިދާޅުވިގޮތުގައި ރާއްޖޭގެ މުސްތަގުބަލަށްޓަކައި ޒުވާނުން ބިނާކުރުމަށް ދީނުގެ ހަމަތަކުގެ މައްޗަށް ބިނާކޮށް ގައުމިއްޔަތުގެ އަސާސްތަކާ އެކުގައި ޒުވާނުން ތަރުބިއްޔަތުކޮށް ބިނާކުރުމަކީ ކުރިއަރާ ދިއުމަށް ވަރަށް މުހިއްމު ކަމެކެވެ.
"ގައުމެއް ބިނާވާނީ, ގައުމެއްގެ ކުރިމަގު އުޖާލާ ކުރެވޭނީ އެ ގައުމެއްގެ ޒުވާން ޖީލަކީ އިލްމީ، ގާބިލް އަދި ދުޅަހެޔޮ ހުނަރުވެރި ބަޔަކަށްވެގެން،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރުމަށް ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންނާއި ޒުވާނުންނާއެކު ކުރެވޭ މަސައްކަތަކީ ޒުވާން ލީޑަރުން އުފެއްދުމަށް ވަރަށްބޮޑަށް މަގުފަހިވާ ކަމެއް ކަމަށެވެ. މިމަހުގެ 27 ގެ ނިޔަލަށް ކުރިއަށްގެންދާ ފޯރަމްގައި މައިގަނޑު މައިގަނޑު ނުވަ ސެޝަނެއް ހިމެނެއެވެ. އޭގެތެރޭގައި ޓީމް ބިލްޑިންގއާއި, ލައިފް ސްކިލްސްއާއި, ދިވެހިންގެ ވާހަކައާއި, ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމް އަދި އަމާން ވިލުންވެރި މުޖުތަމައުއެއް ބިނާކުރުމުގައި ޒުވާނުންގެ ދައުރާއި ބައިވެރިވުމުގެ މުހިއްމުކަމާގުޅޭ ސެޝަންތައް ހިމެނެއެވެ. ސެޝަންތައް ނަންގަވައިދެއްވަނީ އެދާއިރާތަކުގެ އިލްމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ނެވެ.މިފަހަރުގެ ފޯރަމް ކުރިއަށް ގެންދަނީ "ޒުވާން އިސްވާރުން" މި ޝިއާރުގެ ދަށުންނެވެ.