ޚަބަރު
އާ ސަހަރާ ވަގުތީ ގޮތުން ބަންދުކޮށް މީހުން ވަޅުލުން ހުޅުމާލެއަށް ބަދަލު ކޮށްފި
އާ ސަހަރާ -- ފޮޓޯ: މިހާރު
މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އާސަހަރާ މަރާމާތުކުރުމަށް ބަންދުކޮށް، ހުލުމާލެ ސަހަރާގައި މީހުން ވަޅުލާ ގޮތަށް ހަމަޖައްސައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އާސަހަރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ކައުންސިލުގެ އާންމު ޖަލްސާގައި ނިންމައި، އެ މަޝްރޫއުގެ ދަށުން އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.

ކައުންސިލުން ބުނީ އެ މަސައްކަތާ ގުޅިގެން ކަށުކަމާކެމީގެ ކަންކަން އާސަހަރާގައި ކުރިއަށް ގެންދަން ދަތިވާނެތީ މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. 

ނަމާދު ވަގުތުތައް ނޫން ވަގުތުތަކުގައި މަރާމާތުގެ މަސައްކަތް ކުރިއަށްދާއިރު، އާސަހަރާގެ މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށް ވެސް ކައުންސިލްގެ އިއުލާނުގައިވެ އެވެ.

އާސަހަރާ ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ އަންހެނުންނާއި ފިރިހެނުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެނުންނަށް ހާއްސަކޮށް ވުޟޫކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި އަދި ހިތާމަވެރިި ވަގުތުގައި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާ އަކާއި އެކުގަ އެވެ.

ކައުންސިލުން ބުނީ، އާސަހަރާ ތަރައްގީ ކުރުމަށްޓަކައި އިމާރާތަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް 2 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށާއި މަސައްކަތް ނިމުނުހާ އަވަހަކަށް އެކަން އާމުންނަށް އަންގާ އިޢުލާނު ކުރާނެ ވާހަކަ ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. 

އާ ސަހަރާ ފުރިގެން މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ފަސް އަޅާފައިވާއިރު އެކަމަށް ދާއިމީ ހައްލެއް ގެންނަން، 2017 ގައި އޭރުގެ ސަރުކާރުން ވަނީ، މީހުން ވަޅުލުން ހުޅުމާލެއަށް ވެސް ބަދަލުކޮށްފަ އެވެ.

އެކަމަކު އޭރު ކަނޑު ހުރަސްކޮށް މައްޔިތާ އުފުލަން ޖެހުމާއި ދަތުރުފަތުރުގެ އުނދަގޫތައް ހުރުމުން ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމާ އެކު މާ ގިނަ ދުވަހެއް ނުވެ އެކަން ހުއްޓާލީ އެވެ. ފަހުން ނިންމީ ސިނަމާލެ ބްރިޖް ބޭނުންކުރަން ފެށުމުން އެކަން އަލުން ކުރިއަށް ގެންދާށެވެ. ނަމަވެސް ސިނަމާލެ ބްރިޖް ހުޅުވުނު ނަމަވެސް މާލެއިން މަރުވާ މީހުން ހުޅުމާލެއަށް ގެނެސް ވަޅުލުމުގެ މަސައްކަތް މިހާތަނަށް ވަނީ ނުފެށި އެވެ.

ކިޔުންތެރިންގެ ޝުއޫރު
33%
33%
0%
33%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު