ދުނިޔެ
އިޒްރޭލުގެ މީހުން ރާއްޖެ އިން ފޭބުމަށް އެ ގައުމުގެ ސަރުކާރުން އަންގައިފި
އިޒްރޭލުގެ ޕާސްޓު މަނާކުރުމަށްޓަކައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިއްޔެ ނިންމުމާއެކު، މި ވަގުތު ރާއްޖޭގައި ތިބި އިޒްރޭލުގެ އެންމެން މިތަން ދޫކޮށް ދިޔުމަށާއި، ރާއްޖެއަށް ޒިޔާރަތް ނުކުރުމަށް އެ ގައުމުން އިލްތިމާސްކޮށްފި އެވެ.

ރާއްޖޭގެ ނިންމުމާ އެކު، އެ ގައުމުގެ ސަރުކާރުން ނެރުނު ޓްރެވެލް އެޑްވައިޒަރީގައި ބުނީ، ރާއްޖޭގައި ތިބި އިޒްރޭލުގެ މީހުން ވަގުތުން ފޭބުމަށް އިލްތިމާސްކުރާ ކަމަށެވެ. އެއީ އެ މީހުން ރާއްޖޭގައި ތިއްބައި ކުރިމަތިވެދާނެ ކަމަކުން އެހީތެރިވުމަށް ދަތިވެދާނެތީ ކަމަށް ވެސް އެޑްވައިޒަރީގައި ބުންޏެވެ.

ރާއްޖޭގައި ތިބި އިޒްރޭލުގެ މީހުން ފޭބުމަށް އެންގުމާ އެކު، އެ ގައުމުން ރާއްޖެ އަށް ދަތުރު ނުކުރަން ވެސް އެޑްވައިޒަރީގައި ވަނީ އަންގައިފަ އެވެ.

 އިޒްރޭލުން ފެށި ގަތުލުއާންމުގައި 36،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މި ގަތުލުއާންމާ ގުޅިގެން އިޒްރޭލް ޕާސްޕޯޓު މަނާކުރަން ދިވެހިން ދަނީ ގޮވަމުންނެވެ. 

ރާއްޖެ އަށް މިދިޔަ އަހަރު އިޒްރޭލުން އައިސްފައި ވަނީ ގާތްގަނޑަކަށް 11،000 ޓޫރިސްޓުންނެވެ. އެކަމަކު، އެއީ އޭގެ ކުރީ އަހަރަށް ވުރެ 30 ޕަސެންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ އޭޕްރީލް މަހާ ހަމައަށް އިޒްރޭލުން އައީ 528 ޓޫރިސްޓުންނެވެ.

އިޒްރޭލު މިހާރު ހިމެނިފައި ވަނީ ރާއްޖެ އަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ 72 ވަނައިގަ އެވެ. ތަފާސްހިސާބުތައް ދައްކަނީ މިދިޔަ އަހަރާ ބަލާއިރު، ރާއްޖެ އަށް އަންނަ އިޒްރޭލުގެ މީހުންގެ އަދަދު ދަށްވަމުން އަންނަ ކަމެވެ.

ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު