ދުނިޔެ
ރަޝިއާގެ ޖާސޫސީ ބޮޑުމަސް މަރުވެއްޖެ!
ރަޝިއާގެ ސްޕައި ވޭލް ކަމަށް ތުހުމަތު ކުރާ ބޮޑު މަސް. ފޮޓޯ/ރޮއިޓާސް
ރަޝިއާއިން ޖާސޫސް ކުރުމަށް ތަމްރީނުކޮށްފައިވާ ކަމަށް ތުހުމަތުކުރާ ބޮޑު މަސް، ހުވަލްދިމިރް މަރުވެފައި އޮއްވައި ނޯވޭއިން ފެނިއްޖެ އެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި "ވަލްޑިމީރް"ގެ ނަމުން ނަން ދެވިފައިވާ އެބޮޑުމަސް މަރުވެފައި އޮއްވާ ފެނިފައިވަނީ ނޯވޭގެ ހުޅަނގު ދެކުނުން ރިސަވިކާ ބޭއިގައި މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ބޮޑުމަސް މަރުވެފައި އޮއްވާ ފެނިފައިވަނީ މަސްވެރިކަމަށް ނުކުމެ އުޅުނު ފިރިހެނަކާއި އޭނާގެ ދަރިފުޅަށް ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ނޯވޭ ބަހުން ބޮޑު މަހަށްކިޔާ ނަން ކަމަށްވާ "ހްވަލް" އާއި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ފުރަތަމަ ނަން އެއްކޮށްގެން އުފައްދާފައިވާ ހުވަލްޑިމިރް އެންމެ ފުރަތަމަ ފެނިފައިވަނީ ނޯވޭގެ އުތުރު އައްސޭރިފަށުން 2019ވަނަ އަހަރުއެވެ. މެރިން ބަޔޮލޮޖިސްޓުންނަށް އެ މަސް ފުރަތަމަ ފެނުނު އިރު އޭގެ ކަރުގައި ކެމެރާ ހަރުކުރެވޭ ގޮތަށް ކަމަރެއް އަޅުވައި، އޭގައި ރަޝިޔާގެ ނަން ލިޔެފައި އޮތެވެ.

އޭރު ނޯވޭގެ މެރިން ބަޔޮލޮޖިސްޓުން ވަނީ އެ ކަމަރު ނައްޓާލުމަށް ފަހު މަސް ދޫކޮށްލައިފައެވެ. ނޯވޭގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި އެއީ ރަޝިއާއިން ޖާސޫސްކުރުމުގެ ބޭނުމަށް ބޮޑު މަސް ތަމްރީންކުރާ ތަނެއްގެ ތެރެއިން ދޫވެގެން އުޅޭ އެއްޗަކަށް ވެދާނެއެވެ.

ރަޝިއާގެ ކަނޑުގެ ސިފައިން ތަމްރީނުކޮށްދީފައިވާ ބޮޑުމަހެއް ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް، އެ ތުހުމަތުތަކަށް ރަޝިއާއިން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު