ޚަބަރު
އަލީ ރަޝީދާއި ޑރ. މުހައްމަދު އިބްރާހިމް ސުޕްރީމް ކޯޓަށް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވައިފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ޖޭއެސްސީއިން މަޝްވަރާ ދެއްވުމުން ދެ ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްކޮޮށް އޮތް ދެ މަގާމަށް، ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދާއި ޑރ. މުހައްމަދު އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިން އޮތީ އެދިވަޑައިގެންފަ އެވެ. އަދި އެ ދެ މަގާމަށް ޝައުގުވެރިވާ ބޭފުޅުންގެ އެކަމަށް ކުރިމަތިލާން ޖޭއެސްސީން ވެސް ފުރުސަތު ހުޅުވާލި އެވެ.

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އަލީ ރަޝީދާއި ޑރ. މުހައްމަދު އެ މަގާމަށް އައްޔަން ކުރަން ޖޭއެސްސީން ލަފާ ދެއްވާފައިވާ ކަމަށާއި އެހެންވެ، އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.



މީގެތެރެއިން ގާޒީ އަލީ ރަޝީދު ހުސައިން އަކީ މިހާރު ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ބޭފުޅާއެވެ. ގާޒީ އަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލާ ހުކުމް އިއްވި ފަނޑިޔާރު ވެސް މެއެވެ.

ޑރ. މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝިއަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޑޮކްޓަރު އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. ގާނޫނީ ވަކީލެއްގެ ގޮތުގައި 16 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މުހައްމަދަކީ ޕްރިމިއާ ޗެންބާސް ލޯ ފާމްގެ އެއް ޕާޓްނަރެވެ. 

ސުުޕްރީމްކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ އިރު، ދެ ފަނޑިޔާރުންގެ މަގާމު އޮތީ ހުސްކޮށެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު