ދުނިޔެ
ތާޖު މަހަލު މިމަހުގެ 21 ވަނަދުވަހު އަލުން ހުޅުވަނީ
ތާޖު މަހަލު ސަރަހައްދުގައި ސިފައިންގެ މީހަކު ހަރަކާތްތެރި ވަނީ--
އިންޑިއާއަށް ދަތުރުކުރާ މީހުންގެ މެދުގައި އެންމެ މަޤުބޫލު އެއް ބިނާކަމަށްވާ ތާޖު މަހަލު މިމަހުގެ 21 ވަނަދުވަހު ހުޅުވާލާނެކަމަށް އިންޑިޔާ ސަރުކާރުން ބުނެފިއެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން އިންޑިއާގެ މަޝްހޫރު ތާޖު މަހަލް ބަންދުކުރުމަށްފަހު އެތަން އަލުން މި ހުޅުވާލަނީ ހަ މަހަށްފަހުއެވެ. މި ތަން އަލުން ހުޅުވާމިލަނީ ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ މަރުހަލާގެ ތެރެއިން އަންލޮކް4 ގެ ދަށުންނެވެ.

ކޯވިޑް ބަލިމަޑުކަން އިންޑިއާގައި ފެތުރެން ފެށުމުން ގިނަ ޢަދަދެއްގެ ފަތުރުވެރިން މެދުގައި މަގްބޫލު ތާޖު މަހަލް އިންޑިއާ ސަރުކާރުން ބަންދުކުރީ މިއަހަރުގެ މާރިޗުމަހުގެ 17 ވަނަދުވަހުއެވެ. އަހަރަކު 7 މިލިއަނެއްހާ މީހުން ޒިޔާރަތްކުރާ ތާޖު މަހަލް ހުންނަ އަގުރާއަކީ އިންޑިޔާގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރުނު އެއް ސަރަޙައްދެވެ. އާގުރާ ހިމެނޭ އެ ޤައުމުގެ އެންމެ އާބާދީ ބޮޑު އުއްތަރު ޕްރަދޭޝް ސްޓޭޓު މި ވަގުތު އޮތީ އިންޑިޔާގައި ފަސްވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ސްޓޭޓުގެ ގޮތުގައެވެ.

1.9 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގެ އާގުރާގައި ހުންނަ ދުނިޔޭގެ އެންމެ ތާރީހީ އެއް ބިނާ ކަމަށްވާ އަދި ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ވެސް ހިމެނޭ ތާޖު މަހަލް އާއި އެ ސިޓީގައި ހުންނަ ޒަމާންވީ ފޯޓު ބަލައިލުމަށް ދުނިޔޭގެ އެކިކަންކޮޅު ތަކުން އެއް މިލިއަން މީހުން އާގުރާއަށް ޒިޔާރަތް ކުރެއެވެ.

އާގުރާ ޑިސްޓުރިކުގެ މެޖިސްޓްރޭޓު ޕްރާބޫ އެން ސިންހު ވިދާޅުވީ ބިނާތައް ހުޅުވުމުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ތާޖްމަހަލަށް ޒިޔާރަތްކުރާ މީހުން ފުރިހަމައަށް ޢަމަލުކުރަން ޖެހޭނެކަމަށެވެ. މީގެ އިތުރުން ތާޖު މަހަލްއަށް ޒިޔާރަތް ކުރާ މީހުންގެ ސިއްހީ ހާލު ބަލާ، ގަވާއިދުން އެ ބިނާ ސެނިޓައިޒް ކުރަން ވަނީ ހަމަޖެހިފަ އެވެ. 

ސަތާރަ ވަނަ ގަރުނުގައި ބިނާކޮށްފައިވާ އެފަދަ ދެވަނައެއް ނެތް ރީތި ބިނާ ތާޖު މަހަލަށް ވަނުމަށް ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އިންޓަނެޓު މެދުވެރިކޮށެވެ. އޭގެ އިތުރުން ތާޖްމަހަލަށް ޒިޔާރަތްކުރާއިރު މާސްކު ބޭނުންކުރަން ޖެހޭނެއެވެ. ކޮންމެ ދުވަހަކުވެސް ތާޖު މަހަލަށް ޒިޔާރަތްކުރެވޭނީ ގިނަވެގެން 5،000 މީހުންނަށެވެ. އެއީ މެންދުރު ކުރީގައި 2،500 މީހުނާއި މެންދުރުފަހުވެސް 2،500 މީހުންނެވެ. އަގުރާ ފޯޓަށް ޒިޔާރަތްކުރެވޭނީ ދުވާލަކު ގިނަވެގެން 2،500 މީހުންނަށެވެ.

ތާޖު މަހަލްއަކީ އިންޑިއާގައި ކުރިން ވެރިކަން ކުރި މުސްލިމު ރަސްކަލެއް ކަމަށްވާ ޝާހު ޖަހާން ވެރިކަން ކުރި އިރު އޭނާގެ އަންހެނުންގެ ހަނދާނުގައި ބިނާ ކުރި ބިނާއެކެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުކުރެވޭ ވަރަށް ފެތުރުނީ މިދިޔަ މޭއި މަހުން ފެށިގެންނެވެ. 

އިންޑިއާގައި ކޮވިޑް ޖެހޭ މީހުން އިތުރުވަމުން ދަނީ ކަންބޮޑުވާ ދަރަޖައަކަށެވެ. ނަމަވެސް މިމަހު އެ ގައުމުގެ އިގްތިސޯދަށް ބަދަލުތަކެއް ގެނައުމަށް ބިމުއަޑީގެ ރެއިލްވޭ ސްޓޭޝަންތައް ހުޅުވުމާއި ކުޅިވަރާއި ދީނީ ހަރަކާތްތައް ވަކި ހުދޫދެއްގެ ތެރެއިން ހުއްދަ ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު