ޚަބަރު
އަދުނާން ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގޯސްކޮށް: ސުޕްރީމް ކޯޓް
މެރިން ޕޮލިހުގެ ކުރީގެ ވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް އަދުނާން އަނީސް
މޯލްޑިވްސް ޕޮލިސް ސާވިސްގެ މެރިން ޕޮލިހުގެ ކުރީގެ ވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް އަދުނާން އަނީސަށް ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް މިއަދު ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ފުލުހުންގެ ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނަވަނިކޮށް އޮގަސްޓް، 2012 ގައި އަދުނާން ފުލުހުންގެ ވަޒީފާއިން ވަކިކުރީ ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތުގެ ނަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ނެރުނު ރިޕޯޓެއްގައި އޭނާ ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ. އޭނާ ވަކިކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން 2014 ގައި ހުކުމް ކުރިޔަސް، ހައި ކޯޓުން 2018 ވަނަ އަހަރު ވަނީ އެ ހުކުމް ބާތިލްކޮށް، އަދުނާން ވަކިކުރީ ރަނގަޅަށް ކަމަށް ހުކުމްކޮށްފަ އެވެ. 

އަދުނާންގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އެ ކޯޓުން ވަނީ އޭނާއާ އެއްކޮޅަށް މައްސަލަ ނިންމައިފަ އެވެ.

އަދުނާން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި އެއްގޮތަށް ނޫން ކަމާމެދު ސުޕްރީމް ކޯޓުގައި ދައުލަތުންވެސް ވަނީ އެއްބަސްވެފަ އެވެ.

އަދުނާން ވަޒީފާއިން ވަކި ކުރީ ރަނގަޅަށް ކަމަށް ހައިކޯޓުގައި ނިންމީ އޭނާ ތަހުގީގުގައި ހަނުހުރެފައިވުމުން އެއީ އޭނާ ވަޒީފާއިން ވަކި ކުރެވޭނެ ސަބަބެއް ކަމަށް ބަލަ އެވެ.

އަދުނާން ވަކިކުރީ ގޯސްކޮށް ކަމަށް ހުކުމް ކުރިޔަސް، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ނުވަތަ ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން ސުޕްރީމް ކޯޓުން އަންގާފައެއް ނުވެ އެވެ. ސަބަބެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އަލުން ވަޒީފާ ދިނުމަށް ނުވަތަ ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ދަށު ކޯޓުގައި އަދުނާން އެދިފައި ނެތުމުން، ދަށު ކޯޓުގައިި އެދިފައި ނެތް ކަމަކަށް އިސްތިއުނާފް މަރުހަލާއިން ފަރުވާ ދެވެން ނޯންނާނެތީ ކަމަށެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިއްތިފާގުން ނިންމަވާފައިވަނީ ހައި ކޯޓުގެ ހުކުމް ބާތިލް ކުރުމާ އެކު، ސިވިލް ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު