ވާހަކަ
ކުށްވެރިއަކީމޭ... 58

"ރައްޓެއްސެކޭ؟... މިގަޑީ؟..." ގަޑިއަށް ބަލައިލި ލުފްސާން ކުރިއަށްވުރެ ހައިރާންވެފައި އަހައިލި އެވެ.

"އާނ، ދެން ކީއްކުރާނީ؟..." ދޮގު ހަދަންޖެހުމުން އާރްޔަން ހުރީ ހާސްވާގޮތްވެފަ އެވެ.

"އަނެއްކާ ބިޓެއްތަ؟..." އާރްޔަންގެ ކޮނޑުގައި ޖަހައިލަމުން ލުފްސާން އަހައިލި އެވެ.

********

"އޭނ؟..." އާރްޔަން ސިހުނެވެ.

"އާނ ދެން މިހާރު އަހަރެން މީ މާ ދުރު މީހެއްނު... ސިއްރު ކުރޭ... ކޮންމެސް ދުވަހަކުން ތިކުރާ ކަންތައް ފަޅާއަރާނެ..." ލުފްސާން ދެފަރާތަށް ބޯ ހޫރައިލި އެވެ.

"ކޮން ކަމެއް ފަޅާ އަރަނީ؟..." ޝީޒާގެ އަޑަށް އާރްޔަން އާއި ލުފްސާން ވެސް ދިޔައީ ސިއްސައިގެންނެވެ.

ގަދަ ނޫކުލައިގެ ހެދުމަކާއި، ޖީންސެއް ލާފައި ހުރިއިރު، ޝީޒާ އަޅައިގެން ހުރީ، ކަޅު ކުލައިގެ ޝޯލް އެކެވެ. އަތުގައި ރަތްފިނިފެންމަލުގެ ގުލްދަސްތާއެއް އޮތެވެ. އެއީ ޒެހެކަށް މަރުޚަބާ ކިޔުމަށް ޝީޒާ ގެނައި އެއްޗެކެވެ. ލުފްސާން ޝީޒާގެ ކައިރިއަށް ޖެހިލައި ކޮނޑުގައި އަތް އަޅުވައިލި އެވެ.

"ފަޅާއަރަން އުޅެނީ، އަަހަރެމެން މެރީކުރަން އުޅޭކަން..." ލުފްސާން ވާހަކަ ދެއްކީ ލާނެތް ރާގަކަށެވެ.

"ދެން!..." ޝީޒާ ތުއިވެލި އެވެ.

"މިއަދު ވަރަށް ކިއުޓް..." ލުފްސާން ބުންޏެވެ.

އާރްޔަން ކަރު ކެހިލި އެވެ.

"ތި ދެމީހުން މިހާރު އެހެން މީހުންނަށްވެސް ބަލާލަނީއެއް ނޫނޭ ދޯ..." ލުފްސާން ބަލައިލުމުން، އާރްޔަން ބުންޏެވެ.

"އަދި އަހަރެމެންނާ ދިމާއަށް ތިހެން ކިޔާ ވަރެއް ނުވޭ..." އާރްޔަންގެ ކޮނޑަށް އަތް އެއްލަމުން ލުފްސާން ބުންޏެވެ. "ދުވަސްކޮޅަކުން އަހަރެމެންނަށްވުރެ ކުރީގަ މީނަ އުޅޭ ތަން ފެންނާނެ..."

"އެއީ ތެދެއް؟..." ޝީޒާ އަހައިލި އެވެ. "ކާކުތަ އެ ނަސީބުވެރިޔަކީ؟..."

ލުފްސާންމެން ދިމާކުރަން ފެށުމުން، އާރްޔަން އަވަހަށް އެތަނުން ދުރަށް ޖެހިލި އެވެ.

"އަދި ނުވާކަމަށް ހަދަން އެބަ އުޅެއެއްނު..." އާރްޔަން ދިޔުމުން ލުފްސާން ހީގަތެވެ.

"އެނގޭ ކަމަށްވެސް ހަދާނެ ކަމެއް ނެތް... އަދި ފަހުން ދިމާކޮށްލާނަމޭ..." ޝީޒާ ވެސް ލުފްސާންގެ ހުނުމުގައި ބައިވެރިވެލި އެވެ.

********

ފަތިސް ނަމާދަށް ހޭލިގޮތަށް ރަޒިއްޔާ އޭނާގެ ކޮޓަރިން ނުކުތީ، ދަންވަރު ބޭރަށް ނުކުތް އާރްޔަން އަދިވެސް ގެއަށް ނާންނަހެން ހީވެގެންނެވެ. އޭނައަށް ހީވީ ރަނގަޅަށެވެ. އާރްޔަންއެއް ނެތެވެ.

ނަމާދުން ފައިބައިގެން އަޖުވަދު ގެއަށް އައިއިރު ވެސް ރަޒިއްޔާ އިނީ ސޯފާގަ އެވެ. ބޮކިތައް ނިވާލައިގެން އިންއިރު، ރަޒިއްޔާގެ އިސްތަށިގަނޑު ހޭވިފައި އޮތުމުން، އަޖުވަދަށް ސިފަވީ ބިރުވެރި އެއްޗެކެވެ.

"ސިއްސައިގެންނޭ އެދިޔައީ... ހަންޑިއެއްހެން ބޯ ހާވާލައިގެން ތީނީ ކީއްވެފަތަ؟...." ކޮޓަރި އާއި ދިމާއަށް ހިނގައިގަންނަމުން، އަޖުވަދު ބުންޏެވެ. "އެހެންޏާ، ދުވަހަކު އިންނަ ގޮތެއް ނޫން..."

"އަޖުވަދުވެސް މިހާރު އަހަރެންދެކެ ފޫހިވީތަ؟..." ރަޒިއްޔާ ފެށީ ރޯށެވެ.

"އައްދެ!... ހާދަ އަވަހަށް ރުޅި އައީ؟... އަހަރެން މަޖަލަށް ބުނި އެއްޗެކޭ... އެހެންނޫނަސް، އަހަންނަށް ރަޒީ ފެނުނު ފުރަތަމަ ދުވަހުވެސް، ރަޒީ ހުރީ ތިހެން ބޯ ހާވާލައިގެން..." އަޖުވަދު ވާހަކަ ދެއްކީ ލާނެތް ރާގަކަށެވެ.

"އަޖުވަދު!... އަހަރެން ދެން ކިހިނެއް ހަދާނީ؟..." ރަޒިއްޔާ ރުއިން ހުއްޓައެއް ނުލިއެވެ. "އަހަރެންގެ ދަރިފުޅު މުޅިން ބަދަލުވެއްޖެ... އަހަރެން ކަންތައް ކުރިގޮތުން އަަހަރެންދެކެ ފޫހިވީ ކަންނޭނގެ... ރޭގަ ގެއިން ނުކުތް މީހާ އަދިވެސް ގެއަކަށް ނާދޭ..."

"ރަޒީވެސް ދޯ..." އަޖުވަދު ބޯ ހޫރައިލި އެވެ. "ތިކަހަލަ ކަންކަމާ އަޅާނުލާބަލަ... އެއީ ފުރާފުރިހަމަވެފަ ހުރި ފިރިހެން ކުއްޖެކޭ... އެކުދިންގެވެސް އަމިއްލަ ކަންކަން ހުންނާނެ އެއްނު... އަހަންނަށް ޔަގީން އަހަރެންގެ ދަރިފުޅު ގޯސް މަގަކުން ނުދާނެ ކަން..."

"އަހަރެން ދެފަހަރަކު ގުޅީމަ ފޯނުވެސް ނުނަގައޭ..." ރަޒިއްޔާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.

ރަޒިއްޔާގެ ފޯނަށް އާރްޔަން ގުޅަންފެށީ އެވަގުތު އެވެ. ރަޒިއްޔާއަށް ބަލައިލެވުނީ އަޖުވަދުގެ މޫނަށެވެ.

"ކޮބާ؟..." ރަޒިއްޔާ ކުށްވެރިކުރާ ކަހަލަ ގޮތަކަށް އަޖުވަދު ބުންޏެވެ.

"މަންމާ ކީކޭ؟..." ރަޒިއްޔާ ފޯނު ނެގުމުން އާރްޔަން އަހައިލި އެވެ.

"ދަރިފުޅު ގެއަށް ނާންނާތީ..." ޖެހިލުންވެ އިނދެފައި ރަޒިއްޔާ ބުންޏެވެ.

"ސޮރީ މަންމާ!... އެއާޕޯޓުގަ މިހުރީ، ރައްޓެހި ކުއްޖަކު އަންނާތީ... އިރުކޮޅަކުން ދާނަން ގެއަށް..." އާރްޔަން ވާހަކަ ދެއްކީ ގާތް ގޮތަކަށެވެ.

އާރްޔަން ދެއްކި ވާހަކައިގެ އަޑު އަޖުވަދަށްވެސް އިވުނެވެ.

ރަޒިއްޔާ ފޯނު ބާއްވާފައި ކުއްލިއަކަށް ތެެދުވިއެވެ. އަޖުވަދު އެއްޗެއް ބުނުމުގެ ކުރިން އޭނަ ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ. ހީވި ހީވުން ގޯސްވުމުން، ރަޒިއްޔާ ލަދުގަތީ އެވެ. ކުޑަ ކުއްޖެކޭ ތަފާތެއް ނެތެވެ. މަންޒަރު ބަލަން އިނދެފައި އަޖުވަދު ޖަހައިލީ ހިނިގަނޑެކެވެ.

********

އިންތިޒާރުގެ ވަގުތުތަކަށް ނިމުން އައެވެ. ފްލައިޓުން އައި މީހުން ނުކުންނަން ފެށި އެވެ. އާރްޔަންގެ ހިތް ތެޅެމުން ދިޔައީ އޮބި ނޯންނަ ވަރަށެވެ. ޒެހެކް ދެކިލާހިތުން އޭނަގެ ކެތްތެރިކަން ކޮޅުންލަނީ އެވެ. ލުފްސާން އާއިއެކު އޭނައަށް ވެސް ގޮނޑިން ތެދުވެވުނެވެ.

މަރީނާގެ ފަހަތުން ފުރަތަމަ ނުކުތީ ޒާރާ އެވެ. ދެން އިދުރީސް އެވެ. އުނދަގޫ ގޮތަކަށް ފޮށި ދަމަމުން، ޒެހެކް ނުކުތީ އެންމެންގެ ފަހުންނެވެ.

ޒެހެކް ލައިގެން ހުރީ، ކަޅު ލައިގެ އަބާޔާ ހެދުމެކެވެ. އެއާއިއެކު މެރޫން ކުލައިގެ ޝޯލް އެކެވެ. ގުދުރަތީ ގޮތުން މަޑު ފިޔާތޮށި ކުލައެއް ލިބިފައިވާ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ.

އާރްޔަންއަށް އެއީ ޒެހެކް ކަން އެނގުނީވެސް އިރުކޮޅެއް ފަހުންނެވެ. އެސްފިޔަ ޖަހައިލަންވެސް ނޭނގި ޒެހެކްގެ މޫނަށް ބަލަން އޭނައަށް ހުރެވުނެވެ. އާވާރާވެފައިވާ މީހަކު ފަދައިންނެވެ. ޒެހެކް ބުރުގާ އެޅިކަން އޭނައަށް އެ އެނގުނީ އަދިކިރިޔާ އެވެ. އޭނައަށް ޒެހެކް ސިފަވީ ރަތް ފިނިފެންމަލެއް ފަދައިންނެވެ. ކޮންމެ ގޮތަކަށް ހުއްޓަސް، އެ އަންހެންކުއްޖާގެ ރީތި ކަމަކަށް ބަދަލެއް ނާންނާނެއޭ އާރްޔަންގެ ހިތް ބުންޏެވެ.

އެންމެންގެ ތެރެއިން ވެސް ޒެހެކްގެ ކަތި ނަޒަރު ގޮސް ހުއްޓުނީ އާރްޔަން އަށެވެ. ތޫނު ނަޒަރުން އާރްޔަންގެ ހިތަށް ހަންޖަރެއް ހަރާލި ކަހަލަ އެވެ. ބީހިލަން އެދޭފަދަ އޮމާން މޫނުގެ ޖާދޫގައި ޖެއްސި އެވެ. ދިގު އެސްފިޔަތައް ތަޅުވައިލިގޮތުން އާރްޔަން ލާން އުޅުނު ނޭވާވެސް ތާށިވި އެވެ. ހިނިތުންވެލަންވެސް ނޭނގިފައި ހުއްޓައި، ޒެހެކް ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލި އެވެ.

"އަނެއްކާ އަހަރެން ހަޑީތަ؟... ހިތްހަމަނުޖެހިފަބާ؟..." ޒެހެކް ކަންބޮޑުވީ އާރްޔަން ހުރިގޮތުންނެވެ.

އެންމެންގެ ކުރިން ޝީޒާ ގޮސް ޒެހެކްގެ ގައިގައި ބައްދައިލި އެވެ. އާރްޔަން މާ ވަރަކަށް ބަލާތީ، ލަދުން މޮޔަވާން ކައިރިވެފައި ހުރި ޒެހެކަށް ހަމަބިމަށް އާދެވުނީ އެހިސާބުންނެވެ.  

"ޒީ!... ހާދަ ލޯތްބޭ... މާޝާﷲ..." ޝީޒާ ހުރީ ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެންނެވެ. "ވީޑިޔޯ ކޯލެއްވެސް ނުކުރީ މިހެންވެ ދޯ... ވަރަށް ފޮނިވެސް ވެއްޖެއޭ... ބުރުގާ އެޅި ވާހަކަ ވެސް ނުބުނޭ..."

"އެއީ އިސްތިހާރު ކުރަންޖެހޭ ވަރުގެ ކަމެއްތަ؟..." ޒެހެކް މަޑުމަޑުން ހީލި އެވެ.

"ހެވޭ... ހަމަ ވަރަށް ފޮނިވެއްޖެ..." ޝީޒާ ހުރީ ތުންދަމާލައިގެންނެވެ.

"އަހަރެންގެ ކުކުޅު ހުންނާނީ އަބަދު ފުއްވާލާފަ..." ޝީޒާއަށް ނިސްބަތްކޮށް ލުފްސާން ބުނީ ޒެހެކަށް އިވޭ ވަރަށެވެ.

އެއަޑު ޝީޒާއަށް އިވުމުން، ލުފްސާންގެ އަތުގައި ވިކައިލި އެވެ.

"ޒެއްކޮ މިހާރު ދޮންބެ ބާކީ ކޮށްލީތަ؟..." ލުފްސާން އަހައިލި އެވެ.

"ދޮންބޭ!..." ލުފްސާންގެ ގައިގައިވެސް ޒެހެކް ބައްދައިލި އެވެ. "އެންމެ ލޯބިވާ ދޮންބެ ކިހިނެއް ބާކީ ކޮށްލާނީ؟..."

ހިމޭންވެފައި ހުރި ޒާރާއަށް ލުފްސާން ގޮވައިލި އެވެ. ދެ ކޮއްކޮ ގެނެސް އަތުގެ ހިމާޔަތް ދިނެވެ. ޒާރާގެ ދެލޯ ފެންކަޅި ވިއެވެ. ލުފްސާންގެ ގާތްކަން ލިބެން ފެށުމުން، އާއިލާ ފުރިހަމަވެއްޖެ ކަމުގެ އިހުސާސް އޭނައަށް ކުރެވުނެވެ.

"އަހަރެންގެ ދެ ކޮއްކޮ މިހާރު ހީވަނީ ލޯބި ލޯބި ދެ ފިނިފެންމާ ހެން..." ލުފްސާން ބުންޏެވެ.

އެންމެން ކާރަށް އަރަން ހިނގައިގަތުމުން، އާރްޔަންއަށް ވެސް ބޭއިޙްތިޔާރުގައި އެމީހުންނާއިއެކު ހިނގައިގަނެވުނެވެ. ޒެހެކް ހުރީ، ފަސްއެނބުރި އާރްޔަންއަށް ބަލައިލަން ވެސް ނުކެރިފަ އެވެ.

"ދަނީތަ؟... ފްރެންޑް ކޮބާ؟... މިހާރު އޭނަވެސް އައީތަ؟..." އާރްޔަން އަންނަން ފެށުމުން ލުފްސާން އަހައިލި އެވެ.

އާރްޔަން ހުއްޓުނެވެ. ދޭނެ ޖަވާބެއް ނޭނގުނެވެ. ކުރެވުނު މޮޔަ ކަމަކުން އަމިއްލަ ނަފުސަށް އަޑުލި އެވެ.

ކުރިއަށް ހިނގައިގަތްއިރު ލުފްސާންގެ ތުންފަތުގައި ވީ ލުއި ހިނިތުންވުމެކެވެ. ސިއްރުން ޝީޒާއަށް ބަލައިލާފައި އެއްލޯ މަރައިލި އެވެ. ރައްޓެއްސަކު ބަލައި އައިކަމަށް ބުނެ އާރްޔަން ހެދީ ކަނޑައެޅިގެން ދޮގެން ކަން ލުފްސާނަށާއި ޝީޒާއަށް ރަނގަޅަށް އެނގުނެވެ. ގަސްދުގައި ނޭނގޭ ކަމަށް ހެދީ އެވެ.

ލުފްސާނާއި، މަރީނާގެ އިތުރުން އިދުރީސް އެރީ އެއް ކާރަކަށެވެ. އަނެއް ކާރަށް އެރީ ޝީޒާ އާއި ޒެހެކްގެ އިތުރުން ޒާރާ އެވެ.

"ދަރިފުޅާ ލުފްސާން!... އޭނަ ކީއްވެ ތި ފޮނުވާލީ؟..." ކާރަށް އެރިގޮތަށް މަރީނާ އަހައިލީ އާރްޔަން ދުރުގައި ހުރިތަން ފެނުމުންނެވެ.

"ރައްޓެއްސެއް ކައިރިޔަށޯ އައީ..." ލުފްސާން ޖަހައިލީ ހިނިގަނޑެކެވެ. "ދެން އޭނަ ގޮވައިގެންތާ ދާންވާނީ..."

********

ގެއަށް އައިގޮތަށް ޒެހެކްގެ ކަމަކީ ނިދުމެވެ. ނަމާދު ވަގުތު ޖެހުމުން ތެދުވެ ފެންވަރައިގެން ނަމާދު ކުރެ އެވެ. އަނެއްކާވެސް، އެނދަށް އަރައި ނިދަ އެވެ. ރެޔަށް މީރު ކެއުމެއް ތައްޔާރުކޮށްފައި މަރީނާ އައި އިރުވެސް ޒެހެކް އޮތީ ނިދާފަ އެވެ.

"އެކަމަކުވާ ދަރިފުޅާ!... ކިތައް ދުވަހުގެ ނިދިތަ ތި ނިދަނީ؟...." މަރީނާ ގޮސް ޒެހެކަށް ގޮވައި ނެގި އެވެ.

"މަންމާ!... އެކޮޅުގަ ނުނިދެއޭ..." ޒެހެކް ބޮޑާ ހާކައިލީ ކުޑަ ކުއްޖެއް ހެންނެވެ.

"ހިނގާ ކާން... މިއަދު އައިސް ސައި ބުއިގޮތަށް އެކައްޗެއްވެސް ނުކައި ތިއޮތީ... ތެދުވޭ..." މަރީނާ ނުކުތީ ޒެހެކް ކޮޅަށް ތެދުވުމުންނެވެ.

ދެލޯ އުނގުޅަމުން ޒެހެކް އޭނާގެ ކޮޓަރި ދޮރު ހުޅުވައިލި އެވެ. އެއާއިއެކު، ޒެހެކްގެ ނޭފަތުގައި އައިސް ޖެހުނީ ތެލުލިމަހުގެ މީރު ވަހެވެ. މީރު މަސްކޮޅެއް ނުކެވޭތާ ގިނަ ދުވަސްވެފައި ވުމުގެ ސަބަބުން ޒެހެކް ކުޅު ދިޔާވާގޮތް ވިއެވެ. ތެލުލި މަހަކީ ޒާރާ އަދި ލުފްސާނަށް ވެސް އެންމެ މީރު މަހެވެ.

ކާގެެ އާއި ދިމާއަށް ޒެހެކް ދިޔައީ ހަލުވި ފިޔަވަޅުތަކެއްގަވެ. މޭޒުމަތީގައި ހުރި މަސްތަށި ފެނުމުން ޒެހެކްގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. މީހަކު ހުރިތޯ ދެފަރާތް ހޯދައިލީ، ވަގަކު ވައްކަމެއް ކުރަން އުޅޭ ފަދައިންނެވެ. ދެކޮލަށް ދެ މަސްކޮޅު ލުމަށްފަހު، ދެއަތް ފުރެންދެން މަސް ނެގި އެވެ. މީހަކު އައުމުގެ ކުރިން ޒެހެކް ދޮރާއި ދިމާއަށް ދިޔައީ ދުވެލާފަ އެވެ. ދޮރުން ބޭރަށް ނުކުމެނުކުމެ ހުރި ޒެހެކް ލައިގަތީ އެތެރެއަށް ވަންނަން އައި މީހެއްގެ ގައިގަ އެވެ. އެމީހަކު ޒެހެކްގެ ބުރަކަށީގައި އަތް ޖައްސާލައި، ވެއްޓުނަ ނުދީ ހިފަހައްޓައިލި އެވެ. ކުރިމަތީގައި ހުރި މީހެއްގެ މޫނު ފެނުމާއިއެކު ޒެހެކްގެ ދެލޯ ބޮޑުވިއެވެ. ކޮށި އެރި އެވެ. ކެއްސައިލި ގޮތަށް ހަފާފައި ހުރި މަސްތައް ބުރައިގެން ދިޔައީ އެމީހެއްގެ މޫނާއި ދިމާއަށެވެ.

(ނުނިމޭ)



ގުޅުންހުރި ލިޔުންތައް
5 އަހަރު ކުރިން
1
5 އަހަރު ކުރިން
1
5 އަހަރު ކުރިން
3
ކިޔުންތެރިންގެ ޝުއޫރު
67%
19%
11%
4%
3 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު