ޚަބަރު
ކާށިދޫ ދާއިރާގެ މެމްބަރު މަޖިލިހުގެ ތަޅުމުން ބޭރުކޮށްލައިފި
ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު
މަޖިލީހުގެ ނިޒާމު ނަގާލާ، ތަޅުމުގައި އަޑުގަދަކުރައްވަން ފެއްޓެވުމުން، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވަވާ، ތަޅުމުން ބޭރުކޮށްލައިފިއެވެ.

މަޖިލީހުގެ ޖަލްސާ ފެށުނީއްސުރެން ޖާބިރު ގެންދެވީ އެކިއެކި ވަގުތުތަކުގައި އަޑުގަދަކުރައްވަމުންނެވެ. އޭގެ ސަބަބުން ބަހުސްގައި ވާހަކަ ދައްކަވަމުން ގެންދެވި މެންބަރުންނަށް ވާހަކަ ކުރިއަށް ގެންދިއުމަށް ވެސް އުނދަގޫވެގެން އުޅުއްވިއެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ ވާހަކަ ވަކި ހިސާބަކުން ނިންމާލެއްވީ ވެސް "މަޖިލީހުގެ ރިޔާސަތުން ޖަލްސާ ގެންދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް" އެދިވަޑައިގެންފައެވެ.

ޖާބިރު މިއަދު ހޫނު ވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެންނާއި އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ ފަރާތްތައް މަޖިލީހުގައި ތިބުމުން ނެވެ.

މަޖިލީހުގައި އަޑުގަދަކޮށް ހަޑިހުތުބަހުން މެމްބަރުންނާ ޖާބިރު މުއާމަލާތް ކުރަމުން ދިޔައިރު، ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުالله ވަނީ ތަކުރާރުކޮށް ޖާބިރަށް ނަސޭހަތްތެރިވެފައެވެ. އަދި ޖަލްސާ ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށްވެސް އީވާ އެދިވަޑައިގަތެވެ.

އެހެންނަމަވެސް ޖާބިރު ހުއްޓާނުލާ އަޑުގަދަ ކުރުމުން އެންމެފަހުން ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކޮށް ދިއުމަށް އެންގިއެވެ. އަދި ޖާބިރު ވަނީ މަޖިލީހުގެ ތަޅުން ދޫކޮށް ނިކުމެފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ގާނޫނު އަސާސީއާއި ގަވާއިދާއި އެއްގޮތުގެ މަތިން ކުރައްވާ ކޮންމެ އަމުރަކަށް މެމްބަރުން ފުރިހަމައަށް ކިޔަމަން ވާންޖެހެއެވެ. ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް، އަމުރަށް ކިޔަމަން ނުވެއްޖެ ނަމަ، މަޖިލިސް ދޫކޮށްފައި ދިއުމަށް އެ މެމްބަރަކަށް އެންގުމުގެ އިޚްތިޔާރު ރައީސަށް ލިބިވަޑައިގަންނަވާނެއެވެ. މަޖިލީހުގެ ރައީސް މެމްބަރެއްގެ ނަން އިއްވައިފިނަމަ، އެ މެމްބަރަކަށް އެ ޖަލްސާގެ ބާކީ ބައިގައި ބައިވެރިއެއް ނުވެވޭނެއެވެ. 


ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު