ޚަބަރު
މާރަންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
މާރަންދޫ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތް ކުރިއަށްދަނީ
ހއ. މާރަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރާ އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި މަސައްކަތުގެ ދަށުން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ކަމަށާ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު މާރަންދޫ އަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން މާރަންދޫގައި 8.21 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ. 

އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާރަންދޫގައި 6.03 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކު ގާއިމުކުރުމާއި 800 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓު ފޯލް ގާއިމުކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދޭނެއެވެ.

އޭގެ އިތުރުންވެސް ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފެން ކުންފުނިން ބުންޏެވެ.

މާރަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ފެން ކުންފުންޏާ ހަވާލުކޮށްފައި ވަނީ 72.8 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިމުމުން މާރަންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު