ވިޔަފާރި
ފެން އުފެއްދާ ނިޒާމެއް ކަނޑުއަޑީގައި ބަހައްޓަން ދިރާސާއެއް ހަދަނީ
މީރުފެން އުފައްދާ ނިޒާމެއް ކަނޑު އަޑީގައި ގާއިމުކުރުމަށް ދިރާސާ ފެށުމަށް ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީން ނޯވޭގެ ފްލޯޝަން ކުންފުންޏާއެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެ ދިރާސާ ހަދަން ހަވާލު ކުރީ ނޯވޭގެ ކުންފުންޏެއް ކަމަށްވާ ފްލޯޝަންއާ އެވެ. ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރީ ފްލޯޝަން އެވެ.

ފްލޯޝަންއަކީ ކަނޑާ ރައްޓެހި ޑީސެލިނޭޝަން ސިސްޓަމް މެދުވެރިކޮށް ތަފާތު ދާއިރާތަކަށް ދެމެހެއްޓެނިވި ތާޒާ ފެނުގެ މައްސަލަތަކަށް ހައްލު ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. ދަނޑުވެރިކަމަށް ބޭނުންވާ ފެނުން ފެށިގެން، އިތުބާރު ހުރި ފެނުގެ މަސްދަރުތައް ބޭނުންވާ ފެކްޓްރީތަކާއި ސިނާއަތްތަކާއި، އެމީހުންގެ ގައުމުތަކަށް ފެން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ބައެކެވެ.

އެމްޑަބްލިއެސްސީން ބުނީ، މި ދިރާސާގައި ކަނޑު އަޑީގައި އާރްއޯ ޑީސެލިނޭޝަން ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ހޯދައި އެކަމަށް ބޭނުންވާ ދިރާސާތަކާއި، ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ދެނެގަތުމުގެ އިތުރުން ފެންއުފެއްދުމާ ގުޅޭ މާލީ ހިސާބުތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ކުންފުންޏަކީ ފެން އުފައްދާ ނިޒާމު ކަނޑު އަޑީގައި އިންސްޓޯލް ކޮށްދޭ ކުންފުންޏެވެ. ކަނޑު އަޑީގައި އެ ނިޒާމު ގާއިމް ކުރުމުން ފެން އުފެއްދުމަށް ބޭނުންވާ ހަކަތަ 50 ޕަސެންޓުން މަދުވެ އެވެ.

ރާއްޖޭގެ ރަށްތައް އެތުރިފައިވާ ގޮތުންނާއި، ބިމުގެ ހަނިކަމާއި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސާފު ފެން ލިބުމަށް ދަތިވެ އެވެ. މި ނިޒާމުގެ ތެރެއިން 500 މީޓަރު އަޑިން ގުދުރަތީ ކަނޑުގެ ޕްރެޝަރު ބޭނުންކޮށްގެން މީރުފެން އުފައްދައި، ދެމެހެއްޓެނިވި ހައްލުތަކެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

މި ދިރާސާގެ ސަބަބުން، ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާ ބެހޭ ސިޔާސަތުތަކުގެ އިތުރުން އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ވެސް ހާސިލުކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީއިން ބުންޏެވެ. މިއީ ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ގޮތުގައި ފެން އުފައްދާ ފޯރުކޮށްދީ، އިޖުތިމާއީ އަދި އިގުތިސޯދީ މަންފާ ކުރާނެ ޕްރޮޖެކްޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ މެދުކެނޑުމެއްނެތި ދެމެހެއްޓެނެވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުންކަން އެކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު