ޚަބަރު
ކޮވިޑް ކޭސްތައް މަތިންވަމުން ގޮސް 1،200 ހުރަސް ކޮށްފި
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 5،061 މީހަކު ކޮވިޑަށް ޓެސްޓުކުރި އިރު އޭގެ ތެރެއިން 1،209 މީހަކު ބައްޔަށް ޕޮޒިޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

މިއީ މިދިޔަ އަހަރުގެ މޭމަހަށްފަހު އެއް ދުވަހެއްގައި ތެރޭގައި އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 1209 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މީގެ ތެރެއިން 575 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި ރަށްރަށުން 408 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓްތަކުން 155 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި 4 މީހަކު ވަނީ ސަފާރީތަކުން ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 103581 އަށް އަރާފައެވެ.

އަލަށް ކޮވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރު ވަނީ އިތުރުވާން ފަށާފައެވެ. މިވަގުތު 5975 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 26 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

މާލޭގައި ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓް މިހާރު ހުރީ 26 ޕަސެންޓުގަ އެވެ. އަދި މިވަގުތު ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 26 މީހަކަށެވެ. އަދި ބަލީގައި ރާއްޖެއިން މަރުވީ 265 މީހެކެވެ.

ކޮވިޑްގެ ކޭސްތައް މިއަދު 1،200 އިން މައްޗަށް ދިޔައީ މިދިޔަ ދެ ދުވަހު ވެސް ބަލި ޖެހުނު މީހުންގެ އަދަދު ހާހަކާ ގާތުގައި ހުރުމަށް ފަހު އެވެ.

މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކޮވިޑްގެ ކޭސްތައް އިތުރުވެފައި ވަނީ އޮމިކްރޯން ވޭރިއަންޓު ފެނުނު ފަހުންނެވެ. އެ ވޭރިއަންޓް ޑެލްޓާ ވޭރިއަންޓަށް ވުރެ ފަސޭހައިން ފެތުރެ އެވެ.

ރާއްޖޭގައި 368،751 މީހަކު ތިބީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެންނެވެ. އަދި މީގެ ތެރެއިން 32،000 އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރައްކާތެރިވާން ބޫސްޓާ ޑޯޒް ވެސް ޖަހައިފަ އެވެ.

ކޮވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ރާއްޖޭގައިވެސް ފެތުރެމުން އަންނާތީ ކޮވިޑުން ދިފާޢުވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަކީ މުހިއްމުކަމެކެވެ. އެގޮތުން ބަލީގެ ޢަލާމާތްތައް ހުރި މީހެއްނަމަ ވީއެންމެ އަވަހަކަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން މީހުންގެ ތެރެއަށް ނިކުމެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ. އަދި ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކުއެޅުމަށާއި ގައިދުރުކަން ކަށަވަރުކުރުމަކީ މުހިއްމު ކަމެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު