ޚަބަރު
އިންޑިއާ އައުޓް ހުއްޓުވަން، ގާނޫނެއް ހަދަނީ!
އިންޑިއާގެ ސިފައިން ރާއްޖެއިން ފައިބަން ގޮވާލައި ރައީސް ޔާމީން އަޑު އުފުއްލަވަނީ
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވުމަށް ގާނޫނެއް ހެދުމުގެ މަސައްކަތް އެމްޑީޕީއިން ފަށައިފިއެވެ.

ބިލްގެ ނަމަކަށް މިވަގުތު ޖަހާފައިވަނީ "ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް" އެވެ. 

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މަސައްކަތް ފަށާފައި ވާއިރު، އިދިކޮޅު ފަރާތްތަކުން "އިންޑިޔާ އައުޓް" ގެ ނަމުގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ކެމްޕެއިން ވަނީ ވަރުގަދަކޮށްފަ އެވެ.

ކުރީގެ ރައީސް ޔާމީން ޖަލު ހުކުމުން ސަލާމަތްވެ ވަޑައިގެންނެވި ހިސާބުން އިންޑިއާ އައުޓް ކެމްޕޭން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކުރައްވާފައެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ މި ކެމްޕެއިން ފުޅާކުރުމާއެކު، އެމްޑީޕީގެ ލީޑަޝިޕާއި ސަރުކާރު ހިންގާ ކޯލިޝަނުން ވަނީ "އިންޑިޔާ އައުޓް" ގޮވުން ހުއްޓުވައި، އެކަން ކުރާ މީހުންނަށް ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ.

ހާރިޖީ ގުޅުމަށް ބުރޫއަރާ ގޮތަށް އަމަލު ކުރާ ފަރާތްތަކަށް ޖަލުގެ އަދަބު ދިނުމާއި ޖޫރިމަނާ ކުރުން ފަދަ އަދަބުތައް ބިލުގައި ހިމެނޭއިރު ބިލުގެ މަޤުސަދަކަށް އޮތީ ބޭރު ގައުމުތަކާއެކު، ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުން ކަމަށެވެ. 

ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް ހިމެނެ އެވެ.

މިބިލް އެކުލަވާލާފައި އޮތީ ބިލް ގާނޫނަކަށްވެ ތަސްދީގު ކުރާ ދުވަހު އަމަލުކުރާ ގޮތަށެވެ. މި ބިލްގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ ފޮރިން މިނިސްޓްރީ އަށެވެ. 

އިދިކޮޅުން އިންޑިއާއާ ދެކޮޅު ކެމްޕެއިނެއް ކުރަމުން ދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމަށް އިދިކޮޅުން ބުނެއެވެ. ނަމަވެސް މި ވާހަކަތައް ދޮގުކޮށް ސަރުކާރުން ބުނަމުން ދަނީ "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް އަސަރުކޮށް އަދި ރާއްޖޭގައި ތިބި އެ ގައުމުގެ މީހުންނަށް ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.




ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު