
ކޯޓުން މި މައްސަލަ މިއަދު ބޭރުކޮށްލީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން މަދަނީ މިންގަނޑުން މި މައްސަލަ ކުރިއަށް ނެގެންދެވޭނެ ކަމަށް ނިންމުމަށް ފަހު އެވެ. މަހްލޫފްގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ސަފްހީ ހަތް ހެއްކެއް ހުށަހެޅިއެވެ. އޭގެ ތެރޭގައި އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތުކުރެވޭ މުހައްމަދު އައްލާމް ލަތީފް އާއި އަހްމަދު އިޝްފާހް އަލީ ވެސް ހިމެނެއެވެ.ދެން ހިމެނެނީ މަހްލޫފް ޑޮލަރު މާރުކުރިކަމަށް ބުނެ ހުށަހެޅި ރިސިޕްޓްގައި ސޮއިކޮށްފައިވާ, ސްރީލަންކާގެ ރައްޔިތެއްގެ އިތުރުން މޯބައިލް ފޮރިންސިކް ތައްޔާރުކުރި މީހާއެވެ.އަނގަބަހުން ހެކިބަސްދޭ ހަތް މީހެއްގެ ނަން ދައުލަތުން ހުށަހަޅާފައިވާއިރު, ކިތާބީ ހެކީގެ ގޮތުގައި 29 ހެއްކެއް ހުށަހެޅިއެވެ.އެހެން ނަމަވެސް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް މަހުލޫފު ވަނީ ދައުވާއަށް އިންކާރު ކުރައްވައިފައެވެ.ގާޒީ މިސްބާހް ވިދާޅުވީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނޭ މައްސަލައެއް ކަމުގައި ކަނޑައެޅީ، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައި ހުރި ހެކިތަކަކީ އެ ހެކިތައް ދޭންޖެހޭ އެންމެ މަތީ ބުރަދަން ދިން ނަމަވެސް އެ ހެކިތަކުގެ ސަބަބުން މައްސަލަ ސާބިތުކުރެވިދާނޭފަދަ ހެކިތަކަކަށް ނުވާތީއެވެ. އެގޮތައް ނިންމީ މީގެ ކުރިން ހައިކޯޓުން ނިންމާފައިވާ ނިންމުމަކަށް ރިއާޔަތްކުރައްވާ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.މަހްލޫފްގެ މައްޗަށް އުފުލުނު ދައުވާ އަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ވަޒީރަކު، މަގާމުގައި ހުންނަވަނިކޮށް އުފުލުނު ފުރަތަނަ ދައުވާ އެވެ.އޭނާގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ދައުލަތުން ކުރީ، މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު، ޕީޕީއެމްގެ ވެރިކަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު (ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ) ނެންގެވި ކަމަށް ބުނެ އެވެ.ޚިޔާނާތުގެ ތުހުމަތުތަކާއެކު ދެފަހަރެއްގެ މަތިން މިނިސްޓަރ މަޚްލޫފް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރެއްވިއެވެ. ނަމަވެސް ދައުވާކުރުމާ މެދު ގޮތެއް ނުނިމި މަސްތަކެއް ފާއިތުވުމާއި ގުޅިގެން ސަރުކާރުންވަނީ މަޚްލޫފްގެ ސަސްޕެންޝަން އުވާލައްވާފައެވެ. ސަސްޕެންޝަން އުވާލުމުން މިނިސްޓަރ މަޚުލޫފު މަސައްކަތަށް ނިކުންނަވަން ފެއްޓެވީ މިދިޔަ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހުގައެވެ.