
އެމެރިކާ އިން މި ފިޔަވަޅު މިއެޅީ، ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓުވުމުގެ ގޮތުން، ރަޝިޔާ އަށް އިގްތިސާދީ ގޮތުން ދަތި ކުރުމަށެވެ. ރަޝިޔާގެ ތެލާއި ބޯޓުދެއްޔާއި ގޭހުގެ ބާވަތްތައް އެމެރިކާ އަށް އެތެރެ ކުރުން މަނާކުރި ކަން އިއުލާން ކުރައްވަމުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ މި ނިންމުން އަމާޒުކޮށްފައިވަނީ ސީދާ ރަޝިޔާގެ އިގްތިސާދުގެ މައި ލޭނާރަށް ކަމަށެވެ."އަހަރެމެން މި ހުއްޓާލަނީ ރަޝިޔާގެ ތެލާއި ގޭހާއި ހަކަތަ އެމެރިކާ އަށް އެތެރެ ކުރުން. އޭގެ މާނައަކީ، މީގެ ފަހުން ރަޝިޔާގައި އުފައްދާ ތެޔޮ އެމެރިކާގެ އެއްވެސް ބަނދަރަކުން ބަލައިނުގަންނާނެޔޭ. މިއީ ޕުޓިން ގެންގުޅޭ ހަނގުރާމައިގެ މެޝިނުގައި، އެމެރިކާ ރައްޔިތުން ޖެހި ވަރުގަދަ ތަފާލެއް،" އެމެރިކާގެ ނިންމުން އިއުލާން ކުރައްވަމުން ރައީސް ޖޯ ބައިޑެން ވިދާޅުވިއެވެ.