ޚަބަރު
ތިން ގައުމެއްގެ ސަފީރުން ފަތްކޮޅު އަރުވައިފި
ބްރެޒިލްއިން ކަނޑައެޅި އާ ސަފީރަކީ ސަރޖިއޫ ލުއިޒް އާއި ރައީސް ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
އާ ސަފީރުން ކަނޑައަޅާފައިވަނީ ބޫޓާން، ކަޒްކިސްތާން އަދި ބްރެޒިލުންނެވެ.

ބޫޓާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ރިންޗެން ކުއެންޓްސިލްއެވެ. ބްރެޒިލްއިން ކަނޑައެޅި އާ ސަފީރަކީ ސަރޖިއޫ ލުއިޒް ކަނާއިސްއެވެ. އަދި ކަޒްކިސްތާނުން ކަނޑައެޅުއްވި އާ ސަފީރަކީ ނުރުލާން ޒަލްގަޒްބަޔޭވްއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ކުރީގައި ބޭއްވެވި މިރަސްމިއްޔާތު ތަކުގައި ފަތްކޮޅު އަރުވާފައިވަނީ ކަޒަކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ނޫރުލާން ޒަލްގަސްބަޔޭވާއި، ‎ބޫޓާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ރިންޗެން ކުއެންޓްސިލާއި، ބްރެޒިލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ސަރޖިއޫ ލުއިޒް ކަނާއިސް އެވެ.

ފަތްކޮޅު އެރުއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އެބޭފުޅުންނާ ވަކިވަކިން ބައްދަލުކުރައްވައި، ތަހުނިޔާ ވިދާޅުވެފައެވެ. 

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބޫޓާންގެ ސަފީރު ވަނީ މޫސުމީ ބަދަލުތަކަށް ބަލާނަމަ ރާއްޖެއާއި ބޫޓާނަކީ ކުޑަ އަދި ނާޒުކު ދެޤައުމުކަން ފާހަގަކުރައްވައި މި ދާއިރާއިން ގުޅިގެން އިތުރަށް މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާ ކަން ހާމަކުރައްވާފައެވެ.

ވަކިވަކިން ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި، ބްރެޒިލްގެ ސަފީރު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ފަރާތުން ބްރެޒިލް އަށް ލިބޭ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ސަފީރު ވަނީ ބްރެޒިލްގެ ހިއުމަނިޓޭރިއަން ކޯޕަރޭޝަންގެ ދަށުން އެ ޤައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ފަރާތުން މި މަހުގެ ފަހުކޮޅު ރާއްޖެއަށް އެކި ބަލިތަކާ ގުޅޭ 80000 ޑޯޒް ވެކްސިން ހަދިޔާކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާއާއި ވާހަކަފުޅުދައްކަވަމުން ކަޒަކިސްތާނުގެ ސަފީރު ވަނީ ފާއިތުވި އަހަރުތަކުގައި ދެޤައުމުން ވެސް ޝައުޤުވެރިވާ ކަންކަމުގައި ފޯރުކޮށްދީފައިވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި، ސަފީރު ވަނީ ކަޒަކިސްތާނުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެފައިވާކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެ ޤައުމުގެ އޮނޮރަރީ ކޮންސުލް ޤާއިމުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، މަސްވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު