ކުޅިވަރު
މިލާނުން 11 އަހަރަށް ފަހު އިޓަލީގެ ޗެމްޕިއަންކަން ހޯދައިފި
އޭސީ މިލާނުގެ ކެޕްޓަން އަލެސިއޯ ރޮމަނޮލީ ތަށި އުފުލާލަނީ.
ފަހު މެޗުގައި ސަސުއޮލޯ 3-0 އިން ބަލިކޮށް އޭސީ މިލާނުން 11 އަހަރަށް ފަހު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން މޮޅުވެ، މިލާނުން ޗެމްޕިއަންކަން ހޯދީ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން ފަހަތަށް ޖައްސާލައިފަ އެވެ. މިއީ މިލާނުން 2011 ވަަނަ އަހަރުގެ ފަހުން ލީގު ހޯދި ފުރަަތަމަ ފަހަރެވެ. މިލާނުން ވަނީ ޖުމްލަ އެކު 19 ފަހަރު ލީގު ތަށި އުފުލާލައިފަ އެވެ.

މިލާން އެއް ވަނަ ހޯދީ 86 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ، ސަމްޑޯރިއާ އަތުން 3-0 އިން މޮޅުވި އިންޓަ އަށް ލިބުނީ 84 ޕޮއިންޓެވެ. ތިން ވަނަ ހޯދި ނަޕޯލީ އަށް 79 ޕޮއިންޓް ލިބުނުއިރު، ހަތަރެއްގައި ނިންމި ޔުވެންޓަސްގެ އޮތީ 70 ޕޮއިންޓެވެ. ނަޕޯލީން ވަނީ މިރޭ ސްޕެޒިއާ 3-0 އިން ބަލިކޮށްފަ އެވެ. ފިއޮރެންޓީނާ ދަނޑުގައި ޔުވެންޓަސް ބަލިވީ 2-0 އިންނެވެ.

އޭސީ މިލާނުން ލީގުގެ ފަހު މެޗު ރަށުން ބޭރުގައި މިރޭ ސަސުއޮލޯއާ ދެކޮޅަށް ކުޅެ ކާމިޔާބުކުރީ 3-0 އިންނެވެ. މެޗުގައި ޖެހި ތިން ލަނޑު ވެސް ފެނުނީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ދެ ލަނޑު އޮލިވިއޭ ޖިރޫ ޖަހައިދިން އިރު ތިންވަނަ ލަނޑު ޖެހީ މި ސީޒަނަށް ފަހު ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވާން ނިންމާފައިވާ ފްރޭންކް ކެސިއޭ އެވެ. މި ތިން ގޯލް ޖަހަން މަގުފަހިކޮށްދިނީ ވެސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޕޯޗުގަލްގެ ވިންގާ ރަފައެލް ލިއާއޯ އެވެ.

މިރޭ ޖެހި ދެ ލަނޑާ އެކު ޖިރޫ ވަނީ ލީގުގައި އޭސީ މިލާނަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ރަފައެލް ލެއާއޯ، 20، އާ އެއްވަރަށް 11 ލަނޑު ހަމަ ކޮށްފަ އެވެ.

މި ނަތީޖާއާ އެކު އޭސީ މިލާނަށް ޗެމްޕިއަންކަން ލިބުނީ ދެވަނައިގައި ނިންމި، މިދިޔަ ސީޒަނުގެ ޗެމްޕިއަން އިންޓަ މިލާން ފަހަތަށް ޖައްސާލައިފަ އެވެ.

މިލާނުން ޗެމްޕިއަންކަން ހޯދިއިރު، އެންމެ މޮޅު ކީޕަރަކީ އެ ޓީމުގެ ކީޕަރު މައިކް މެނިއޯން އެވެ. މިދިޔަ ސީޒަނުގައި ލިލްއާ އެކު ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދި މެނިއޯން މި ސީޒަނުގައި މިލާނަށް ގެނައީ އެ ޓީމުގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ޕީއެސްޖީ އަށް ބަދަލުވުމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު