ޚަބަރު
ޕިކްނިކް އައިލެންޑްގެ ކަރަންޓުގެ މަސައްކަތް 15 ދުވަސްތެރޭގައި ނިންމަނީ
ނައިބު ރައީސް ފައިސަލް، އިއްޔެ ކުޑަގިރި އަށް ވަޑައިގެންނެވި ދަތުރުގެ ތެރެއިން..
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދުފުޅާއި އެއްގޮތަށް ގްރޭޓާމާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަށް ދަތުރު ދިއުމަށް ހާއްސަކޮށްފައިވާ ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް އެޅުމުގެ މަސައްކަތް ފަށައިފިއެވެ. ސްޓެލްކޯގެ އަމާޒަކީ މިމަސައްކަތް 15 ދުވަސް ތެރޭ ނިންމުމެވެ.

އެ ކުންފުނިން މިއަދު ބުނީ، ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯކާއެކު، އެ ރަށުގެ މަގުތަކުގައި ބައްތި ޖެހުމުގެ މަސައްކަތާ ވެސް ހަވާލުވެފައިވާ ކަމަށެވެ. އަދި އަމާޒަކީ އެ މަސައްކަތްތައް 15 ދުވަހުގެ ތެރޭގައި ނިންމާލުން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމަށްޓަކައިކުޑަގިރީގައި 3،000 މީޓަރުގެ ކޭބަލް ވަޅުލަން ސްޓެލްކޯ އިން ވަނީ ނިންމައިފަ އެވެ.

އެ ރަށުގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު ބައެއް، އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށްޓަކައި ދިރާސާ ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

މާލެ ކައިރިން ޕިކްނިކްދާނެ ރަށެއް ނެތުމާއެކު، އެފަދަ ރަށެއް ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާއި އެއްގޮތަށް ކުޑަގިރި ފަޅުން އަށް ހެކްޓަރުގެ ބިން ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން ވަނީ އެ ރަށް ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެ މަޝްރޫއަށް 41 މިލިއަން ރުފިޔާ ހަރަދުވެ އެވެ.

ކުޑަގިރީގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބެއްލެވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވެސް އިއްޔެ އެ ރަށަށް ވަޑައިގަތެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު