ޚަބަރު
އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު އަވަހާރަވެއްޖެ
ރާނީ އެލިޒަބަތު: އެކަމަނާ ދެންމެ އަވަހާރަވީ ސިއްހީ ހާލުކޮޅު ގޯސްވެ، ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް
އިނގިރޭސިވިލާތުގެ ރާނީ އަދި މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފް އޮތް ކުއީން އެލިޒަބަތު ދެވަނަ ދެންމެ އަވަހާރަވެއްޖެ އެވެ.

އެކަމަނާ އަވަހާރަވީ ސްކޮޓްލޭންޑުގެ ބަލްމޯރަލް ކާސަލްގައި ސިއްހީ ހާލުކޮޅު މޮނީޓާކޮށް ފަރުވާދެމުން ދަނިކޮށެވެ. އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ޑޮކްޓަރުން ކަންބޮޑުވާކަން މިއަދު ހެނދުނު އެކަމަނާގެ އާއިލާ މެމްބަރުންނާ ވަނީ ހިއްސާކޮށްފަ އެވެ.

ބަކިންހަމް ޕެލަސް އިން ހާމަކޮށްފައިވާ ގޮތުގައި އެކަމަނާ އަވަހާރަވީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ރާނީ އަވަހާރަވުމާ އެކު އިނގިރޭސި ރަސްކަމާ ހަވާލުވެވަޑައިގަންނަވާނީ އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސް އެވެ. އެމަނިކުފާނު މާދަމާ ލަންޑަނަށް ވަޑައިގަންނަވާނެ ކަމަށް ބަކިންހަމް ޕެލަސްއިން ވަނީ ހާމަކޮށްފަ އެވެ.

އަވަހާރަވިއިރު، އަރިހުގައި އާއިލާގެ ގިނަ މެމްބަރުންތަކެއް ތިއްބެވި އެވެ. އެކަމަނާ އަވަހާރަވިއިރު އުމުރުފުޅުން 96 އަހަރެވެ.

މީގެ 70 އަހަރު ކުރިން، 1952 އިން ފެށިގެން އިނގިރޭސި ރަނިކަން ކުރައްވަމުން ގެންދަވަނީ އެލިޒަބަތު އެވެ.

ދެން ތަހުތަށް ވަޑައިގަންނަވާ ޗާލްސް، 73، ހިމެނިވަޑައިގަންނަވާ ގޮތަށް ތިން ދަރިކަލުންނާއި ދަރިކަނބަލަކާއި މާމަ ވިދާޅުވާ އަށް ބޭފުޅުން އަދި މުނި މާމަ ވިދާޅުވާ 12 ބޭފުޅުން ރާނީގެ އެބަތިއްބެވި އެވެ. ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް މިދިޔަ އަހަރު ވަނީ އަވަހާރަވެފަ އެވެ.

ޗާލްސްއަށްފަހު ރަސްކަމުގެ ތަޚުތު ދެން ވާރުތަވާނީ ޗާލްސް އާއި ޑަޔާނާގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްއަށެވެ.

އިނގިރޭސި ރަސްކަމުގެ ތަޚުތަކީ އެ ގައުމުގެ ސަރުކާރު ހިންގުމުގައި އެއްވެސް ދައުރެއް އޮންނަ ބައެއް ނޫނެވެ. އެކަމަކު އިނގިރޭސި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތު އޮންނާނީ ރާނީ ނުވަތަ ރަސްކަލުންނަށެވެ.

މާޗް 13، 1972 ގައި އިނގިރޭސީ ރާނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތެވެ. އެކަމަނާގެ ދަތުރުފުޅުގައި އައްޑު އަތޮޅަށް ވެސް ވަޑައިގަތެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު