ދުނިޔެ
އިނގިރޭސިވިލާތުގެ ވެރިކަން ލޭބާ ޕާޓީއަށް
ޔޫކޭ އިންތިހާބު ކާމިޔާބުކުރި ލޭބާ ޕާޓީގެ ލީޑަރު ކެއިރް ސްޓާމަރް އުފާފާޅުކުރުމުގައި ބައިވެރިވެވަޑައިގ
އިނގިރޭސިވިލާތުގައި ކޮންޒަވޭޓިވް ޕާޓީން ކުރަމުން އައި ވެރިކަން 14 އަހަރަށްފަހު ނިމުމަކަށް ގެނެސް، އިދިކޮޅުގައި އޮތް ލޭބާ ޕާޓީން އާންމު އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން 410 ގޮނޑިއާ އެކު އިދިކޮޅު ލޭބާ ޕާޓީން އިންތިހާބު ކާމިޔާބުކުރާނެ އެވެ.

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 650 ގޮނޑިއަށް ވާދަކުރި ކޮންޒަވޭޓިވުންނަށް -- ވެރިކަން ކުރާ ޕާޓީއަށް ލިބޭނެ ކަމަށް ބެލެވެނީ 131 ގޮނޑި އެވެ.

ކޮންޒަވޭޓިވް ޕާޓީން 2010 އިން ފެށިގެން ކުރަމުން އައި ވެރިކަން 14 އަހަރަށް ފަހު މިއޮތީ ނިމުމަކަށް އައިސްފަ އެވެ.

އިންތިހާބުގައި ވާދަކުރެއްވި އިނގިރޭސިވިލާތުގެ މިހާރުގެ ބޮޑުވަޒީރު ރިޝީ ސުނާކްގެ ގޮނޑި އެމަނިކުފާނު ދިފާއު ކުރެއްވި ނަމަވެސް، ކެބިނެޓުގައި މިހާރު ހިމެނޭ ގިނަ މެންބަރުންނަށް ގޮނޑި ދިފާއު ނުކުރެވެ އެވެ.

އިނގިރޭސިވިލާތުގެ ހާލަތު ދަށްވެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި އާންމު އިންތިހާބު ކުއްލި ގޮތަކަށް ޖުލައިގައި ބޭއްވުމަށް ނިންމުމާއެކު، ކޮންޒަވޭޓިވް ޕާޓީއަށް އިންތިހާބު ކާމިޔާބު ކުރެވޭނެކަމާމެދު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.

އިނގިރޭސި ބޮޑުވަޒީރުގެ މަގާމާ ދެން ހަވާލުވެ ވަޑައިގަންނަވާނީ ލޭބާ ޕާޓީގެ ލީޑަރު ކެއިރް ސްޓާމަރް އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސި ސަރުކާރު ބަދަލުވުމަކުން އެ ގައުމުގެ ހާރިޖީ އަދި ދާހިލީ ސިޔާސަތަކަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ. އެމެރިކާއާ ޔޫރަޕްގެ ސިޔާސަތަށް ތަބާވުން ނޫން ގޮތެއް އިނގިރޭސިންނަކަށްވެސް ނޯންނާނެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު