
ވޯޓްގެ 100 އިންސައްތަ ގުނައި ނިމުނުއިރު ލޫލާ ވަނީ ވޯޓްގެ %50.9 ކާމިޔާބު ކޮށްފައެވެ. މިހާރުގެ ރައީސް ބްލްސޮނާރޯ އަށް ކާމިޔާބު ކުރެވުނީ %49.1 ވޯޓެވެ."މިގައުމަށް އެއްބައިވަންތަކަމާއި ސުލްހަ ބޭނުންވޭ. އިތުރަށް ތަޅާފޮޅަން މި އާބާދީއެއް ބޭނުމެއް ނުވޭ،" ކާމިޔާބު ލިބިވަޑައިގަތުން ލޫލާ ދެއްވި ހިތާބުގައި ހުރިހާ ބްރެޒިލް ރައްޔިތުންގެ ރައީސަކަށް ވެވަޑައިގަންނަވާނެ ކަމަށް ފާހަގަކުރައްވަމުން އޭނާ ވިދާޅުވެފައިވެ އެވެ.ވަރުގަދަ ކެމްޕެއިންތަކެއް ކުރެވިގެން ދިޔަ މި އިންތިހާބު ލޫލާ ކާމިޔާބު ކުރައްވާފައިވީ ނަމަވެސް ބޮލްސޮނާރޯ އަދި ބަލި ގަބޫލު ކުރައްވާފައެއް ނުވެ އެވެ. ބޮލްސޮނާރޯ ވަނީ އިންތިހާބުގެ ނަތީޖާ ނުކުންނަގޮތަކުން ވޯޓުގެ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަންކަން ހުރިކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.ލޫލާ ވަނީ 2003 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާއި ހަމައަށް ބްރެޒިލްގެ ވެރިކަން ކޮށްފައެވެ. އޭނާގެ ދައުރުގައި ބްރެޒިލަށް އިގުތިސޯދީ ގޮތުން ގިނަ ކުރިއެރުންތަކެއް ހޯދައި ދިނެވެ. ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، ފަގީރުކަން ނައްތާލުމުގައި އޭނާ ކާމިޔާބީތަކެއް ހޯދިއެވެ.ބްރެޒިލްގައި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރަން ލޫލާ މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން އެ ފަހަރު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލޫލާ އަށް ގެއްލިފައިވެ އެވެ. ނަމަވެސް އެ ހުކުމް ބްރެޒިލްގެ ސުޕްރީމް ކޯޓުން ފަހުން ވަނީ ބާތިލުކޮށްފަ އެވެ.މިފަހަރު ރައީސް ކަމަށް ވަޑައިގަތުމަށް ލޫލާ ވިއްކެވި ސިޔާސަތަކީ ބްރެޒިލުން ފަގީރުކަން ނައްތާލުމެވެ. އޭނާގެ ސަރުކާރެއްގައި ތަފާތުކުރުން ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. އިޖުތިމާއީ މަސްލަހަތު އިސްކުރައްވާނެ ކަމަށް ވިދާޅުވެ މުއްސަނދިންގެ އަތުން މިހާރު ނަގާ ޓެކްސް ބޮޑުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.