އަލީ ރާޒީ
22 ފެބުރުއަރީ 2023 - 11:08
0 comments
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ބަހުސް ކުރަމުން ދަނިކޮށް، އަޑުގަދަ ކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޔައުގޫބްގެ ނަން އިއްވީ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ސަރުކާރަށް ދީފައިވާ ލަފާ ތަންފީޒު ކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރުގެ ބަހުސް ހިނގަމުން ދަނިކޮށެވެ.އެ ގަރާރަށް ބަހުސް ކުރައްވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވުމުން ޔައުގޫބް ގެންދެވީ އެކަމާ ނުރުހުން ފާޅުކޮށް އަޑުގަދަ ކުރައްވަމުންނެވެ.ބަހުސް ކުރިއަށް ގެންދިޔަ ނުދީ ޔައުގޫބު އަޑުގަދަ ކުރެއްވުމުން ރިޔާސަތުގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ތަކުރާރުކޮށް އެދިފައެވެ.އެކަމަކު، އެ ވަރުން ވެސް ހުއްޓައިނުލާ އަޑުގަދަ ކުރެއްވުމުން ނަޝީދު ވަނީ ޔައުގޫބުގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ނެރެފައެވެ."އަޅުގަނޑު މި އިއްވަނީ ދާންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ނަން. މަޖިލީސް ތަޅުން ދޫކޮށް ބޭރަށް ނުކުންނެވުން އެދެން." އެ މަނިކުފާނު ވިދާޅުވިއެވެ.ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މައްސަލާގެ ބަހުސްގައި އެމްޑީޕީގެ ނަޝީދު ފެކްޝަން މެންބަރުން އަންނަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އަކީ ސޯލިހް ފެކްޝަންބޭފުޅެކެވެ.