ޚަބަރު
ދާންދޫ ބިންހިއްކުން ރޭ ރަސްމީކޮށް ފަށައިފި
ގއ. ދާންދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުނު ރަސްމިއްޔާތުގެ ތެރެއިން
އެމްޓީސީސީން ގެނައި އާ ޑްރެޖަރު، 'ބޮޑު ޖައްރާފު' އިފްތިތާހުކޮށް، ގއ. ދާންދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

މި މަޝްރޫއު ފެށުމަށް ރޭ ދާންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެެއްގައި ވަނީ "ބޮޑު ޖައްރާފު" ފުރަތަމަ ފަހަރަށް ދައްކާލާފައެވެ. ކަނޑުގެ 18 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ މި ޑްރެޖަރަކީ އައިއެޗްސީ ބީވާގެ އެންމެ ފަހުގެ މޮޑެލްގެ ކަޓާ ޑްރެޖަރެކެވެ.

އެ ރަސްމިއްޔާތުގައި ބޮޑު ޖައްރާފާއި ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު އިފުތިތާހު ކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. ދާންދޫ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިހާރު އެރަށުގެ ހިކި ފަސްތަނާ އެއްވަރުގެ އިތުރު ބިމެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ބޮޑު ޖައްރާފާއެކު، ދާންދޫ ބިންހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން، މިހާރުވެސް، އެ މަޝްރޫއުގެ 50 އިންސައްތަ ނިމިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މުޅި މަޝްރޫއުގެ 31 ޕަސަންޓް މަސައްކަތް ނިމިފައިވާ އިރު، ބިންހިއްކުމާއެކު ހިލަތޮށީގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.

"މިފަހަރު އިއްތިފާގުން ލަސްވެފައި މިއޮތީ ދާންދޫ ބިން ބޮޑުކުރުމުގެ މަޝްރޫއެއް ނޫން. ލަސްވެފައި މިއޮތީ އިފުތިތާހީ ޖަލްސާ. މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގާލެއް ބާރުކަމުން ފަހަތަށް މިޖެހެނީ ޖަލްސާތައް. އޭގެ ބަދަލުގައި ކުރިއަށް ޖެހެނީ ހަމަގައިމު ވެސް މަޝްރޫއުގެ އަމަލީ މަސައްކަތް،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ޕްލޭނިން މިނިސްޓްރީން ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 186.64 މިލިއަން ރުފިޔާއަށް ކަމަށެވެ. އަދި ވިދާޅުވީ އެރަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް 70 މިލިއަން ރުފިޔާއަށް ހަރަދުވާނެ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު، ޔައުގޫބު އަބްދުﷲ ވިދާޅުވީ ދާންދޫގެ ބިން މީގެ ކުރިން، އެކި ފަހަރުމަތިން ހިއްކާފައިވީ ނަމަވެސް، އެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ މަސައްކަތް ކުރަން ފެށުނީ އަދި ކިރިޔާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، މި މަޝްރޫއާއެކު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އެރަށުގެ ރައްޔިތުން މޫދަށް އެރިލާނެ ރީތި އަތިރިމައްޗެއް ލިބުން ކަމަށެވެ.

"ދާންދޫ ރައްޔިތުން ޕިކްނިކްދާން އޮތް ވޮޑަމުލާގަ ރިސޯޓެއް ހެދީމަ އެތަން ނުލިބިގެން ދެން މާޔޫސް ވާކަށް ނުޖެހޭނެ. މާރީތި މާ ހިތްގައިމު ބީޗެއް ލިބިގެން މިދަނީ" ޔައުގޫބު ވިދާޅުވިއެވެ.

ކަނޑުގެ 18 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ "ބޮޑު ޖައްރާފާ" އަކީ އައިއެޗްސީ ބީވާގެ އެންމެ ފަހުގެ މޮޑެލްގެ ކަޓާ ޑްރެޖަރެކެވެ. "ޖައްރާފާ 4" އަކީވެސް މި މޮޑަލްގެ 12 މީޓަރުގެ އަޑިން ވެލިނެގުމުގެ ޤާބިލްކަން ލިބިފައިވާ ޑްރެޖަރތަކެވެ.

މަހާޖައްރާފާ އާއި ޚިލާފަށް ބޮޑު ޖައްރާފާއަކީ ފަޅުތެރެއިން ވެލިނަގައިގެން ބިންހިއްކުމާއި ބަނދަރުތައް ހެދުމަށްވެސް ބޭނުން ކުރެވޭނެ ޖައްރާފާއެކެވެ. އެމްޓީސީސިން ވިދާޅުވީ މިޖައްރާފާގެ ސަބަބުން ވެލި ނެގުންފަދަ މަސައްކަތްތަކަށް ކުރާ ޚަރަދުވެސް ކުޑަވެގެންދާނެކަމަށެވެ. އަދި މި ޖައްރާފާއާއެކު އެ ކުންފުނީގައި މިހާރު 5 ޖައްރާފާ އޮންނާނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު