އިސްމާއިލް ރިޒާ
08 ނޮވެމްބަރ 2023 - 17:12
0 comments
އުނގޫފާރު ހޮސްޕިޓަލްގެ ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރުގައި ބަޔަކު މަސައްކަތްކުރަނީ.--
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރުގެ (އުފަންވެނި ކްލިނިކް)ގައި އަންހެނުންގެ ބަލިތަކަށް ހާއްސަ ފަރުވާދިނުމަށް ވެލްވުމަން ކްލިނިކެއް ހުޅުވައިފިއެވެ. މިއީ ރީޖަނަލް ލެވެލްގައި ފެށި ފުރަތަމަ ވެލްވުމަން ކްލިނިކެވެ.
އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އާދަމް މާހިރު އިއްޔެ ވިދާޅުވީ މާބަނޑު މީހުންނަށް އިސްކަންދިނުމަށް ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރު ހުޅުވިތާ ދޮޅު މަސް ދުވަސްވެއްޖެ ކަމަށެވެ. "ވެލް ވުމަން" ކްލިނިކް ހުޅުވީ މިދިޔަ ހޯމަ ދުވަހެވެ.މި ސެންޓަރުގައި މަސައްކަތް ކުރައްވާނީ އަންހެނުންގެ ބަލިތަކުގެ ދެ ސްޕެޝަލިސްޓުންނެވެ."އާއްމު ބަލި މީހާ އާ ރިޕްރޮޑަކްޓިވް ހެލްތަށް ދައްކާ މީހުން ތަފާތުވެގެންދާނެ މި ބަދަލުތަކާއެކު. އޭރުން މާބަނޑު މީހުންނަށް ފަރުވާ ދިނުމަށް ހޭދަކުރާ ވަގުތު އިތުރުވެގެންދާނެ." މާހިރު ވިދާޅުވި އެވެ.އަންހެނުންގެ ކްލިނިކުން މައިގަނޑު ގޮތެއްގައި ކުރާނީ ސްކްރީނިން އަދި ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކެވެ. އޭގެ ތެރޭގައި، ރަހިމުގެ ކެންސަރާއި އުރަމަތީގެ ކެންސަރުން ރައްކާތެރިވުމާ ބެހޭގޮތުން މައުލޫމާތު ދިނުމާއިި އުރަމައްޗަށް އަންނަ ބަދަލުތައް އަމިއްލައަށް ބަލާނެ ގޮތްތައް ދަސްކޮށްދިނުން އަދި އެ ބަލިތަކަށް ސްކްރީންކުރުން ހިމެނެ އެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި މެމޯގްރަފީގެ ޚިދުމަތާއި، ސީޓީ ސްކޭންގެ ޚިދުމަތް ހިމެނެއެވެ. އަދި ދަތުގެ ފަރުވާ އާއި އީއެންޓީގެ ޚިދުމަތް ޒަމާނީ ވަޞީލަތްތަކާއެކު ވަނީ ފުޅާކޮށްފައެވެ. މީގެ އިތުރުން ހިތުގެ ބަލިތަކުގެ ޚާއްސަ ފަރުވާއާއި ލެޕްރޯސްކޮޕިކް ސަރޖަރީގެ ޚިދުމަތްވެސް އެހޮސްޕިޓަލުގައިވަނީ ފަށާފައެވެ.