ޚަބަރު
އަންހެނުންގެ ގައިން ނުބައިވަސް ދުވާކަމަށް ބުނުމުން ރާޝިދުއަށް ނުރުހުން އަމާޒުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު -- ފޮޓޯ/ މަޖިލީސް
މީގެ ކުރިން ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްފައި ނެތުމުން، ރަށްރަށުގައި ދިރިއުޅޭ އަންހެނުންގެ ގައިން މީރު ވަސް ނުދުވާ ކަމަށް ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރާޝިދު މިއަދު މަޖިލީހުގެ ޖަލްސާގައި ވިދާޅުވުމުން ރިޔާސަތުން އެކަން ހުއްޓުވައިފި އެވެ.

ރާޝިދު އެގޮތަށް ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް މިއަރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރި ބަހުސްގެ ތެރެއިންނެވެ.

ރާޝިދު ވިދާޅުވީ މި ސަރުކާރަަކީ ވަރަށް ބަރާބަރަށް ރަނގަޅަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށާއި އެހެންކަމުން ލޯނު އިތުރަށް ނަގައިގެންވެސް ރައްޔިތުންނަށް ކަންކަން ކޮށްދޭނެނަމަ އެކަން އުފަލުން ބަލައިގަންނާނެ ކަމަށެވެ،

ހަމަ އެހެންމެ އައި ތަރައްގީއާއެކު ރަށްފުށުގައި ވެސް ފެނުގެ ނިޒާމް ގާއިމްވެ އޭގެ އަސަރު ރަށްރަށުގެ ލޯބި ޗާލުކުދިންގެ މޫނުމަތިން އެކަން ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.

"އެ ބޭފުޅުން ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނުކުތަސް މީގެ ކުރިން އެ ބޭފުޅުން ގައިން މާ މީރު ވަހެއް ނުދުވާ، އެއީ ޗަކަ ފެނުން ފެން ވަރަން ޖެހޭތީ، މިއަދު ވަރަށް ރީތި ސާފު ލޯބި ފެނުން ފެންވަރައިގެން އެ ތިބީ،" ރާޝިދު ވިދާޅުވި އެވެ.

ރާޝިދުގެ ވާހަކައާ ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވައި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ދިވެހި އަންހެނުންނާ ދިމާކޮށް އެހާ ބޭއަދަބީ ވާހަކައެއް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ނިޒާމީ ނުކުތާއާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެއްވެސް ޖިންސަކާ ގުޅިގެން އެފަދަ ވާހަކައެއް ނުދެއްކެވުމަށް އެދިވަޑައިގެންފަ އެވެ.

"އެއްވެސް ޖިންސެއްގެ ރައްޔިތުންނަށް ކުޑައިމީސް ވާގޮތަށް ވާހަކަދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެހެން ވިދާޅުވެ، އެހެން މެންބަރަކަށް ފުރުސަތު ދެއްވުމުން ވެސް ރާޝިދު ވަނީ އަޑުގަދަ ކުރައްވައިފަ އެވެ. ނަމަވެސް މައިކުގެ އަޑު ކަނޑާލައިފައިވުމުން ކިޔާ އެއްޗެއް ސާފު ނުވެ އެވެ.

ރާޝިދުގެ ވާހަކަ ނުނިމެނީސް އެހެން މެންބަރަކަށް ފުރުސަތު ދެއްވުމުން އެކަމާ އެމްޑީޕީގެ ބައެއް މެންބަރުން ނުރުހުން ވެސް ފާޅުކުރެއްވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
50%
25%
25%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު