ޚަބަރު
ގާޒީ ޝަކީލް ހައިކޯޓަށް އައްޔަނުކުރާ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ރައީސް ސޯލިހާއި ސަލާމް ކުރައްވަނީ
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމާމެދު ސުވާލު އުފައްދާ އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.

މި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް އާދަމް ޝަރީފް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަލީ ރަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފުރަތަމަ ކުރި ހުކުމާ ވިދިގެން ސުޕްރީމް ކޯޓުގެ ފަނޑިިޔާރަކަށް އައްޔަނުކޮށްފައިވާ ކަމަށެވެ. އަދި ރައީސް ޔާމީނަށް ދެވަނައަށް ހުކުމް ކުރި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ދިވެހިރާއްޖޭގެ ހައިކޯޓަށް އައްޔަނު ކުރުމަށް ޖޭއެސްސީން ނިންމާފައިވާ ކަމަށެވެ.

ސިޓީގައި ބުނެފައިވަނީ މި ގާޒީންނަށް އިސް މަގާމުތައް ދިނުމަކީ ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރިވުމަށް ސަރުކާރުން ހިތްވަރު ދެމުންދާކަން ވަރަށް ސާފުކޮށް އެނގޭކަމެއް ކަމަށެވެ. އަދި މިކަމަކީ ޝަރުއީ ނިޒާމަށް ރައްޔިތުންކުރާ އިތުބާރަށް ބުރުއަރާނެ ކަމެއް ކަމަށެވެ.

"ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް، ކްރިމިނަލް ކޯޓުން އެ ހުކުމް ކުރި އިސް ގާޒީ އަހުމަދު ޝަކީލް ހައި ކޯޓުގެ މަގާމަކަށް ކުރިއެރުން ދިނުމަކީ ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މައްސަލައަށް އިންސާފު ލިބުމަށް ހުރަސް އަޅައި، އެ މައްސަލައަށް ސަރުކާރުގެ ނުފޫޒު ސިއްރާއި ފާޅުގައި ފޯރުވައި، ސަރުކާރު ބޭނުންވާ ގޮތަކަށް ހުކުމް ކުރުމަށް ހިންގާފައިވާ ކަމެއް ކަމުގައި ދެކެމެވެ،" އާދަމް ޝަރީފްގެ ސިޓީގައިވެ އެވެ.

އެހެން ކަމުން އެ މައްސަލަތައް ޖުޑީޝަރީ ކޮމެޓީ މެދުވެރިކޮށް ބަލައިދިނުމަށް އޭނާ ވަނީ އެދިފައެވެ.

ޝަކީލް ހައިކޯޓަށް އައްޔަނުކުރަން ނިންމާފައިވާއިރު، އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ވެސް ބެއްލެވި ގާޒީ އެވެ. ވ. އާރަށު މައްސަލަ ބެއްލެވުމަށް ފަހު ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. 

މީގެ ކުރިން ރައީސް ޔާމީންގެ މައްޗަށް ގއ. ވޮޑުމުލާ މައްސަލައިގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ބެންޗުގެ ރިޔާސަތުގައި އިންނެވި އަލީ ރަޝީދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނުކޮށްފަ އެވެ. އެހެންވެ، ޔާމީނަށް ހުކުމް ކުރާ ކޮންމެ ގާޒީ އަކަށް ސަރުކާރުން "ޕްރޮމޯޝަން" ދޭ ކަމަށް ކުރިން ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.

ޖޭއެސްސީ އިން މިއަދު ބުނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން އއ. ފެރިދޫ، ސިޔާމާމަންޒިލް، އަހްމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ލަފާދިނުމާ ގުޅިގެން އިއްޔެ ބޭއްވުނު ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ހައިކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުން

  • އަހްމަދު ޝަކީލް، ސިޔާމާމަންޒިލް، އއ. ފެރިދޫ
  • މުހައްމަދު ޝަނީޒް އަބްދުﷲ، ހަނދުވަރީނާޒް، ގދ.ގަ އްދޫ
  • ހުސައިން ޝަކީބް، ހުޅުމާލެ، ދޮޅަސް، މާލެ
  • މަރިޔަމް ވަހީދު، ބެލޫން، ސ.ފޭދޫ
ޝަކީލް އަކީ ވިލާ ކޮލެޖުން ޤާނޫނީ ދާއިރާއިން ބެޗެލާ އޮފް ޝަރީޢާ އަދި މާސްޓާ އޮފް ޝަރީޢާ ހާސިލްކޮށްފައިވާ ބޭފުޅެކެވެ. 19 އަހަރު ފަނޑިޔާރުކަމުގައި މަސައްކަތްކުރައްވާފައިވާއިރު އެ މުއްދަތުގައި އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓު ގައި ވެސް މަސައްކަތް ކުރެއްވިއެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު