
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އެންމެ ފަހުން ހުންނެވި ހާތިފް ހިލްމީ ރިޓަޔާ ކުރެއްވުމުން އެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޮތީ ކުރިން އިއުލާންކޮށްފަ އެވެ. އެކަމަށް ހުޅުވާލި ފުރުސަތު މިދިޔަ ހޯމަ ދުވަހު ވަނީ ހަމަވެފަ އެވެ.އެނގިފައިވާ ގޮތުގައި މުއްދަތު ހަމަވިއިރު ވެސް ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެ ކޯޓުގެ އެއްވެސް ފަނޑިޔާރަކު ކުރިމަތިނުލައްވަ އެވެ. ހައިކޯޓުގައި މިވަގުތު މަސައްކަތް ކުރައްވަނީ ނުވަ ފަނޑިޔާރުންނެވެ. ހައިކޯޓު ހިންގުމާ މިވަގުތު ވަގުތީގޮތުން ހަވާލުވެވަޑައިގެންނެވީ ފަނޑިޔާރު ހުސައިން ޝަހީދު އެވެ.ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލުމުން ކުރިމަތިލައްވާނެ ބޭފުޅަކު ނުވެ ދިޔަ މިއީ ފުރަތަމަ ފަހަރެވެ.ހައިކޯޓުގެ ފަނޑިޔާރަކަށް ވެވޭނީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.