ރޯދަ އިނާޔަތް ނުލިބޭ ނަމަ ލޭބާ ރިލޭޝަންސް އޮތޯރިޓީ އަށް ޝަކުވާ ހުށަހަޅަން އަންގައިފި އެވެ.އެލްއާރްއޭއިން ކުރި ޓުވީޓެއްގައި ބުނީ ގާނޫނާ އެއްގޮތަށް ރޯދަ އެލަވަންސް ނުލިބޭ ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށާއި ޝަކުވާ ހުށަހަޅަން ވާނީ https://lra.gov.mv/dv/complaint-form/ މެދުވެރިކޮށް ކަމަށެވެ.ރޯދަ އެލަވަންސް މިމަހުގެ އެއްވަނަ ދުވަހުގެ ކުރިން ދިނުމަށް އެލްއާރްއޭއިން ވަނީ މިމަހުގެ އެއްވަނަ ދުވަހު އިލްތިމާސްކޮށްފައެވެ. ސަރުކާރު މުވައްޒަފުންނަށް ރޯދަ އެލަވަންސް ޖަމާވެފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމަށް ލޭބާސް ރިލޭޝަން އޮތޯރިޓީއިން ވަނީ އަންގާފައެވެ. ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ރޯދަމަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ދިނުމަކީ ވަޒީފާ ދޭ ފަރާތްތަކަށް ގާނޫނުން ލާޒިމްކުރާ ކަމެކެވެ. ގާނޫނުގައިވާ ގޮތުން، ރޯދަ އިނާޔަތް ދިނުން ވަޒީފާ ދޭ ފަރާތުގެ އިހްތިޔާރީ ކަމަކަށް އޮންނަނީ ބިދޭސީ މުވައްޒަފުންނަށް ދިނުމާއި ނުދިނުމާ މެދުގައެވެ.ނަމަވެސް ބައެއް އޮފީސްތަކުން މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމާއި، ރޯދަ އިނާޔަތުގެ ގޮތުގައި 1،000 ރުފިޔާ ދޭން ނިންމި މައްސަލައެއް ވެސް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. އަދި ބައެއް އޮފީސްތަކުން މިދިޔަ އަހަރުގެ ރޯދަ މަހު ވެސް 1000 ރުފިޔާ ރޯދަ އިނާޔަތުގެ ގޮތުގައި ދިން މައްސަލަ ވަނީ ފެންމަތިވެފައެވެ.