ޚަބަރު
ޝާޒް ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ ހުވާކުރައްވައިފި
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ޝާޒު މަގާމުގެ ހުވާކުރައްވަނީ-- ފޮޓޯ:މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އިބްރާހީމް ޝާޒް މިއަދު މަގާމުގެ ހުވާކުރައްވައިފި އެވެ.

މި މަހުގެ 15 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި %49.96 ވޯޓު ހޯއްދަވައިގެން އިންތިހާބު ކާމިޔާބުކުރެއްވި ޝާޒް، މެންބަރުކަމުގެ ހުވާކުރެއްވީ މިއަދު މަޖިލިސް އިދާރާގވައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ޝާޒަށް ހުވާލައިދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އައިޝަތު ސުޖޫން އެވެ. އޭނާ ހުވާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާޒިރުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މެމްބަރު ޝާޒަށާއި އެމްޑީޕީއަށް މަޖިލީހުގެ ރިޔާސަތުން ނަޝީދު މަރުހަބާ ވިދާޅުވި އެވެ.

"މިވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ 34 އިއްޒަތްތެރި މެމްބަރުން، އެ 34 އިއްޒަތްތެރި މެމްބަރުންގެ ތެރޭގައި ގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލަށް މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ. އިއްޒަތްތެރި މެމްބަރަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން. އަދި އިއްޒަތްތެރި މެމްބަރުގެ ޕާޓީއަށް ވެސް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ.

ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ، މިދިޔަ ތިން ދައުރު އެ ގޮނޑި ފުރުއްވި ޕީޕީއެމްގެ މެންބަރު އިބްރާހިމް ރިޒާ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިދިޔަ ފެބްރުއަރީ މަހު އަވަހާރަވުމާ ގުޅިގެންނެވެ.

މިއީ، މި ހިނގާ 19 ވަނަ މަޖިީހުގައި ބޭއްވި ދެ ވަނަ ބައި-އިލެކްޝަން އެވެ. ފުރަތަމަ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ވެސް ކާމިޔާބުކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު