
ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހާ ގުޅިގެން އެ ދުވަހުގެ ތަހުނިޔާ ނޫސްވެރިންނަށް ފޮނުއްވަމުން ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަކި އަތަކަށް ނުޖެހި އިންސާފުވެރިކަމާ އެކު ރައްޔިތުންނަށް ހަބަރާ މައުލޫމާތު ގެނެސްދޭނެ ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގައި ހަތަރު ބާރު ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.ގާސިމް ވިދާޅުވީ އިންސާނީ ކަރާމަތް ދަމަހައްޓައި ތެދުވެރިކަމާ އެކު ހަގީގަތް ހާމަކުރުމުގައި ނޫސްވެރިން އަދާ ކުރަން ޖެހޭ ދައުރު ވެރިކަމުގެ ފަރާތުން ހަނިކޮށް ދަތިކޮށްގެން ނުވާނެ ކަމަށެވެ."ދުނިޔޭގެ ނިސްބަތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ އިން ޖެހި ޖެހިގެން ފަހަތަށް މި ގައުމު ސޮއްސާލައި ކަމީ ހިތާމަ ހުރި ކަމެކެވެ،" ގާސިމް ވިދާޅުވިއެވެ.