ޚަބަރު
ނިމުނު ތިން މަހު ފެމިލީ ކޯޓުން މައްސަލަތައް ނިންމި ސްޕީޑް އަވަސް ވެއްޖެ
މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ތިން މަހު ފެމިލީ ކޯޓުން މައްސަލަތައް ނިންމި ސްޕީޑް އަވަސް ވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފެމިލީ ކޯޓުން މިއަދު ބުނި ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު އެ ކޯޓުގެ މައްސަލައެއް ނިންމުމަށް އެވަރެޖުކޮށް ހޭދަނީ 34 ދުވަހެވެ. އެކަމަކު، މި އަހަރުގެ ފުރަތަމަ ތިން މަހު މައްސަލަތައް ނިންމުމަށް އެވަރެޖުކޮށް ހޭދަވެފައި ވަނީ 20 ދުވަސް ކަމަށް އެ ކޯޓުން ބުނެ އެވެ.

އެހެންވެ، މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހާ އަޅާ ބަލާއިރު މައްސަލަތައް ނިންމުމުގެ އަވަސްމިނުގައި 41 ޕަސެންޓު ކުރިއެރުމެއް އެ ކޯޓަށް ވަނީ ލިބިފަ އެވެ.

އެ ކޯޓުން ބުނި ގޮތުގައި އެއީ މައްސަލަތައް ހައްލު ކުރުމަށް ސުލްހަ މަރުހަލާގައި ހޭދަވާ މުއްދަތާއި ހަޟާނާތުގެ މައްސަލަތައް ފަދަ އާންމުކޮށް ގިނަ ދުވަސްވާ މައްސަލަތައް ވެސް ހިމެނޭ ގޮތަށް އެވަރެޖުކޮށް ހޭދަވި މުއްދަތެވެ.

"މިއީ މައްސަލަތައް ހައްލުކުރުމަށް ސުލްހަ މަރުހަލާގައި ހޭދަވާ މުއްދަތާއި ހަޟާނަތުގެ މައްސަލަތައް ފަދަ އާއްމުކޮށް ގިނަ ދުވަސްތައް ހޭދަވާ މައްސަލަތައް ވެސް ހިމެނޭހެން އެވްރެޖުކޮށް ހޭދަވި މުއްދަތު،" ފެމިލީ ކޯޓުން ބުނެފައިވެ އެވެ.

ފެމިލީ ކޯޓުން ބުނި ގޮތުގައި މިދިޔަ ތިން މަހު އެ ކޯޓުން އެންމެ އަވަހަށް ނިންމީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހުށަހެޅުނު މައްސަލަތަކެވެ. އެ ފަދަ މައްސަލަތައް އެވަރެޖުކޮށް ހަ ދުވަސް ތެރޭގައި ނިންމާފައިވާ ކަމަށް އެ ކޯޓުން ބުނެ އެވެ.

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހަޅާފައިވާ މައްސަލަތައް އެވަރެޖުކޮށް އަށް ދުވަސް ތެރޭގައި ވަނީ ނިންމާފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު