ޚަބަރު
ފެމިލީ ކޯޓަށް ދެ ގާޒީން އައްޔަންކުރައްވައިފި
ފެމިލީ ކޯޓަށް އިއްޔެ އައްޔަންކުރެއްވި ޒާހިދު (ކ) އަދި މައުސޫމް -- ފޮޓޯ: ޖޭއެސްސީ
ފެމިލީ ކޯޓަށް އައްޔަންކުރި ދެ ފަނޑިޔާރުން މަގާމުގެ ހުވާ އިއްޔެ ކުރައްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ފެމެލީ ކޯޓަށް ދެ ގާޒީން ހޯދަން މިދިޔަ މަހު ކުރި ދެ އިއުލާނަށް، ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އެ މަގާމަށް ލ.މާބައިދޫ ހަވީރީމަންޒިލް، އަހުމަދު މައުސޫމް އަދި ރ. ހުޅުދުއްފާރު އިލާޒާ، މުހައްމަދު ޒާހިދު އައްޔަންކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސުޕްރީމްކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ބޭފުޅުން ވަނީ ފަނޑިޔާރުކަމުގެ ހުވާކުރައްވައިފަ އެވެ.

ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލާން ހުޅުވާލީ، އެ މަގާމުގައި ކުރިން ހުންނެވީ އަހުމަދު މުސްތަފާ ޝަރުއީ ދާއިރާއިން މިދިޔަ މަހު ރިޓަޔާކުރެއްވުމާއި އެ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އިބްރާހިމް މާހިރު، ހައިކޯޓަށް އައްޔަންކުރެއްވުމުންނެވެ.

ޖެނުއަރީ 21، 2020 އިން ފެށިގެން ފެމިލީ ކޯޓުގެ ގާޒީއަކަށް އައްޔަންކުރެއްވުމާ ހަމައަށް މައުސޫމް ހުންނެވީ އެ ކޯޓުގެ ލީގަލް އޮފިސަރަކަށެވެ.

އޭނާ ވަނީ އަޒްހަރު ޔުނިވާސިޓީން ސޯޝަލް ސާވިސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓުގެ ޑިގްރީ އާއި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ޝަރީއާ ޑިގްރީ އަދި ވިލާ ކޮލެޖުން ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް އިން ޝަރީއާ އެންޑް ލޯ އަދި މާސްޓާ އޮފް ޝަރީއާ ހާސިލްކުރައްވައިފަ އެވެ.

ޒާހިދަކީ އަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯގެ ފުރަތަމަ ޑިގްރީ އަދި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ފޮލިސީގެ މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު