އުމަރު ނަސީރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ޕިކަޕް ރެލީގައި ބައިވެރިވެވަޑައިގަންނަވަނީ
ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު މާލޭގައި ޕިކަޕެއްގައި ކެމްޕެއިން ކުރައްވަނިކޮށް މީހަކު ދަގަނޑު ބުރިއަކުން ހަމަލާދީ ފިލައިފި އެވެ. އެކަމަކު އުމަރަށް އެއްވެސް އަނިޔާއެއް ނުވެ އެވެ.

ދަގަނޑު އެއްޗެއް އެއްލައި އޭނާ އަށް މީހަކު މިއަދު ހަމަލަދިން ނަމަވެސް އަނިޔާއެއް ނުވާ ކަމަށް ވިދާޅުވި އެވެ. އެ ހަމަލަ އަމާޒުވީ އުމަރު ވިދާޅުވި ގޮތުގައި އޭނާގެ މޫނަށެވެ.އުމަރު ވިދާޅުވީ، އެ ހަމަލާ ދިނުމަށް ފަހު އެ މީހާ ފިލާފައިވާ ކަމަށާއި އެކަމަކު އެ މީހާގެ ފޮޓޯ މިހާރު ވަނީ ފުލުހުންނާ ހިއްސާކޮށްފައި ކަމަށެވެ."އަޅުގަނޑުގެ ސިކިއުރިޓީގެ ގޮތުގައި ތިއްބެވި ސިފައިން މިހާރު ވަނީ އޭނާގެ ފޮޓޯ ފުލުހުންނާ ހިއްސާ ކުރައްވައިފަ އެވެ،" އުމަރު އޭނާގެ ފޭސްބުކްގައި ލިޔުއްވި އެވެ.މިއަދު މާލޭގައި އުމަރަށް ހަމަލާދީފައިވާއިރު އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކ. ގުރައިދު އަށް ވަޑައިގަތުމާ ދިމާކޮށް، އެ ރަށުގައި ވެސް ވަނީ އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ބައެއް މީހުންނަށް އަނިޔާވެފަ އެވެ. އެ ހަމަނުޖެހުމުގައި ޕީޕީއެމާއި އެމްޑީޕީގެ ދެ ސަޕޯޓަރެއްގެ ބޯ ފަޅައިލި އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، އެ ބޭފުޅުންގެ ކެންޑިޑޭންސީ ބަލައިގަތް ހިސާބުން ފެށިގެން އެމްއެންޑީއެފް އިން އަންނަނީ، ގާނޫނުގައި އޮންނަ ގޮތަށް، ސެކިއުރިޓީ ވެސް ދެމުންނެވެ. އެކަމަކު ބައެއް ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުންތައް ހިނގަ އެވެ. އެގޮތުން މިއަދު ހަވީރު ވަނީ ކ. ގުރައިދޫގައި ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި މާރާމާރީ ހިންގައިފަ އެވެ. އެ ހަމަނުޖެހުންތަކުގައި ބައެއް މީހުންނަށް އަނިޔާ ވެސް ވި އެވެ.