ޚަބަރު
ނިޒާމީ ވޯޓެއް ނަގަން މަދުވެގެން 30 ދުވަސް ބޭނުން
މިމަހު 30 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން ވޯޓެއް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ.

މިވަގުތު ނިޒާމު ބަދަލު ކުރުމާއި ގުޅޭ ބަހުސް މަޖިލީހުގައި ކުރިއަށްދާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިންވެސް މިކަން ކުރުމަށް ވަގުތު ބޭނުންވާނެ ކަމަށް ބުނެފައެވެ. އެގޮތުން މިއަދު ހަބީބް ވިދާޅުވީ، މިފަދަ ވޯޓެއް ނަގަންޏާ އިންތިހާބުތަކާއި ބެހޭ އާންމު ޤާނޫނަށް ރިޢާޔަތް ކުރާއިރު މަދުވެގެން 30 ދުވަހާއި 45 ދުވަސް އިންތިހާބެއް ބޭއްވުމަށް ބޭނުންވާނެ ކަމަށެވެ.

މީގެ އިތުރުން އިންތިހާބަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ ވޯޓެއް ނަގާއިރު މީހުން ހޭލުންތެރިކުރުވުމާއި ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާއެއްކަން ހަބީބު ފާހަގަކުރެއްވި އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް އާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

މަޖިލީހަށް މި ގަރާރު ތައާރަފުކުރިިއިރު ހުށަހަޅާފައިވަނީ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމުގެ ވޯޓު ނޮވެމްބަރު 30 ގެ ކުރިން ނެގުމަށެވެ. ނަމަވެސް އިލްޔާސް މިއަދު އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އޮކްޓޫބަރު 30 ގެ ކުރިން އެ ވޯޓު ނެގުމަށެވެ.  


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު