ޚަބަރު
އީސީގެ ލަފާ ؛ އަތޮޅަކަށް ދެ މެންބަރުން އިންތިހާބުކުރުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވިސްނުމަކީ މަޖިލިސް މެންބަރުންގެ އަދަދު 77 އަށް މަދުކުރުން ކަަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

މެންބަރުންގެ އަދަދު މަދުކުރާ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއެވެ. މަޖިލިސް ތަޅުމުގައި ބަހުސްކުރުމަށް ފަހު މިހާރު މި ގަރާރުގެ މަސައްކަތް އޮތީ ކޮމިޓީ މަރުހަލާގައެވެ.

ކޮމިޓީން އަންނަނީ ކަމާ ގުޅުން ހުރި އިދާރާތަކާއެކު އެ ކަމަށް ޚިޔާލު ހޯދާ ދިރާސާތައް ކުރަމުންނެވެ. އެ ގޮތުން، މަޖިލީހުގައި މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމަށް ވަނީ އީސީގެ މެންބަރުން ހާޒިރުކޮށްފައެވެ.

އީސީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ރާއްޖޭގެ އާބާދީ އިތުރުވަމުން އަންނަ ވަރަކަށް މަޖިލީހުގެ ދާއިރާތައް އިތުރުވަމުންދާ ކަމަށެވެ. އެކަމަކު މިއީ އެހެން ގައުމުތަކުން އަމަލުކުރާ ގޮތެއް ނޫން ކަމަށާއި އެ އަދަދު ކެޕް ކުރުން ނުވަތަ ހިފެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

އެ ކޮމިޝަނުން ދިރާސާތަކެއް ހެދުމަށް ފަހު ހުށަހެޅީ މަޖިލީހުގައި 77 މެމްބަރުން ތަމްސީލްވާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށެވެ. ފުއާދު ވިދާޅުވި ގޮތުގައި އެއީ 2008 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ތިބި އަދަދެވެ.

އެ އަދަދަށް ބަލައިގެން ކޮންމެ އަތޮޅަކަށް ދެ ގޮނޑި ކަނޑައެޅުމުން 35 ގޮނޑިއެއް ބާކީ ވާނެ އެވެ. އެ ގޮނޑިތައް އާބާދީގެ ނިސްބަތުން ބަހާލަން ކޮމިޝަނަށް ފެންނަ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކިއެކި ފޯމިއުލާތައް ބަލާއިރު 72-80 އާ ދެމެދު މި އޮންނަނީ. އެ ގޮތަށް ބަލާއިރު އިންޓަނޭޝަނަލީ އެންމެ ގަބޫލުކުރާނެ އަދަދެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ އަދަދަކަށްވާތީ އެ ވާހަކަ ހިއްސާކޮށްލަން،" ފުއާދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ، އޭރުން ޖިއޮގުރަފީ ގޮތުން ރާއްޖެ އުފެދިފައި އޮތް ގޮތަށް ބަލައި ކޮންމެ އަތޮޅަކަށް ދެ ގޮޑި ލިބިފައި، އާބާދީ ބޮޑެތި އަތޮޅުތަަކަށް ގިނަ ގޮނޑި ލިބޭނެ ކަމަށެވެ.

"އޭރުން ހއ. އަށް ދެ ގޮނޑިއާ އެކު ޖުމްލަހަތަރު ގޮނޑި ލިބޭނެ، މާލެ އަށް ދެ ގޮނޑިއާ އެކު އިތުރު އަށް ގޮނޑި ހާއްސަ ކުރެވޭނެ، އައްޑު އަށް ދެ ގޮނޑި އާއި އިތުރަށް ލިބޭ ތިން ގޮނޑިއާ އެކު ޖުމްލަ ފަސް ގޮނޑި ލިބޭނެ," ފުއާދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އީސީން އެކި ފޮމިއުލާ ބަލާފައިވާނެ ކަމަށާއި ނަމަވެސް ކޮންމެ އަތޮޅަކަށް ދެ ގޮނޑި ދިނުމަށްފަހު ބާކީ ހުރި ގޮނޑިތައް އާބާދީގެ ނިސްބަތުން ބަހާލާ ގޮތަށް، މަޖިލިސް މެންބަރުންގެ އަދަދު 77 އަށް ހެދުމަށް ހުށަހެޅުއްވި ވިސްނުމަކީ 2050 ވަނަ އަހަރާ ހަމަައަށް ބަދަލެއް ނައިސް އެގޮތުގައި އޮންނާނެ ވިސްނުމެއް ކަމަށެވެ. އެއީ އާބާދީ އިތުރުވަމުން އަންނަ ނިސްބަތަށް ބެލިޔަސް އެއީ އެކަބް އޮތް ގޮތް ކަަމަށް ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން އިންތިޚާބުކުރަންވާނެ ކަމަށެވެ.

އަދި، އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ 5،000 އަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަންވާނެ ކަމަށެވެ. އެހެންވެ، ކޮންމެ ދައުރެއްގައި މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 17 ވަނަ މަޖިލީހަށް އިންތިޚާބުކުރީ 77 މެންބަރުންނެވެ. ނަމަވެސް، 18 ވަނަ މަޖިލީހުގައި އެ އަދަދު 85 އަށް އިތުރުވިއެވެ. މިދިޔަ 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިބިއިރު މި ހިނގާ މަޖިލީހުގައި 93 މެންބަރުން އެބަތިއްބެވެ.

މި މައްސަލާގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ޕީއެންސީ އާއި އެމްޑީޕީ އާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ދެ ޕާޓީން ވެސް ވަނީ އަދަދު ހިފަހައްޓަން ތާއީދު ކޮށްފަ އެވެ. ނަމަވެސް ކަނޑައަޅާ ވަކި އަދަދެއް ދެ ޕާޓީން ނުބުނެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު