ޚަބަރު
ދެ އިންތިހާބު އެއްކޮށްލުމުން 130 މިލިއަން ރުފިޔާ ސަލާމަތްވޭ: އީސީ
ދެ އިންތިހާބު އެއްކޮށްލުމުން 130 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެ އެވެ.

އެ ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މިހާރު އިންތިހާބުތަކަށް ކުރަމުންދާ ވަރަށް ގިނަ ހަރަދުތައް އެއްކޮށްލެވި ދެބައިކުޅަ އެއްބައި ހަރަދު ކުޑަކުރެވޭނެ ކަމަށެވެ. 

"ވަރަށް ގިނަ ޚަރަދުތައް އެއްކޮށް ކުރުމުގެ ސަބަބުން ގާތްގަނޑަކަށް ހާފަށް [ޚަރަދު] ކުޑަވެގެންދާނެ،" ފުއާދު ވިދާޅުވި އެވެ. 

އިތުރަށް އޭނާ ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލައިފިނަމަ ބަޖެޓުން 130 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމުގަައި އަންދާޒާ ކުރެއްވޭ ކަމަށެވެ. 

މީގެ އިތުރުން ފުއާދު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވޯޓުލާފައި ރިޔާސީ އިންތިހާބުގައި ވޯޓުލާން ނުދާ މީހުން ހިމެނޭކަމަށާއި ރިޔާސީ އިންތިހާބުގައި ވޯޓުލާފައި މަޖިލިސް އިންތިހާބުގައި ވޯޓުލާން ނުނިކުންނަ މީހުން ވެސް ތިބޭ ކަމަށެވެ. ވުމާއެކު ދެ އިންތިހާބު އެއްކޮށްލުމުން މަޖިލިސް އަދި ރިޔާސީ އިންތިހާބަށް ވޯޓުލާ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ.

އެ ކޮމިޝަން ގެ ތަފާސްހިސާބުތަކުން މަޖިލިހުގެ އިންތިހާބުތަކުގައި އެވްރެޖްކޮށް 80 އިންސައްތަ މީހުން ވޯޓުލާން ނުކުންނަ އިރު، ރިޔާސީ އިންތިހާބުތަކުގައި އެވްރެޖްކޮށް 90 އިންސައްތަ މީހުން ދާކަމަށާއި ވުމާއެކު ދެ އިންތިހާބު އެއްކޮށްލުމުން 90 އިންސައްތަ އަށްވުރެ ގިނަ މީހުން ވޯޓުލާންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބަށް 120 މިލިއަން ރުފިޔާ އަދި ރިޔާސީ އިންތިހާބަށް 180 މިލިއަން ރުފިޔާ ހަރަދުވި އެވެ. 

ދެ އިންތިހާބު އެއްކޮށްލެއްވުމުގެ އިތުރަށް މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމާއި ލޯކަލް ކައުންސިލުތަކުގެ މެންބަރުންގެ އަދަަދު މަދުކުރެއްވުމަށްވެސް ހުށަހަޅުއްވާނެ ކަމުގައި ރައީސްވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު