
ޑިމޮކްރެޓްސްގެ އަށް ވަނަ ވަގުތީ ކައުންސިލު ބައްދަލުވުން ބާއްވާފައި ވަނީ މިއަދު ހަވީރު ބޮޑުފެންވަޅުގޭގައި ހުންނަ އެ ޕާޓީގެ އޮފީހުގަ އެވެ. އެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބު އަންނަ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށެވެ.މިއަދު އެކަން ނިންމުމުން، އިންތިހާބަށް ހުޅުވާލުމުން އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާނެކަން މިދިޔަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ނެރުނު ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިން މޭޓު ހުސެއިން އަމްރު ވަނީ އިއުލާނުކުރައްވައިފަ އެވެ.އިތުރު އެހެން ކެންޑިޑޭޓަކު އެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަކުރާނެކަން އަދި އިއުލާނުކޮށްފައި ނުވެ އެވެ.އަމްރު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބު އިއުލާން ކުރުމުން ޕާޓީގެ ރައީސް ކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ."މިކަމުގަ އެންމެހާ ޑިމޮކްރެޓުންގެ އެއްބާރުލުމާ ތާއީދު ދެއްވުން އެދި ދަންނަވަން،" އަމްރު ވިދާޅުވި އެވެ.ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސްއަށް ލިބިވަޑައިގަތީ ގާތްގަނޑަކަށް 15،800 ވޯޓެވެ. ދެވަނަ ބުރެއްގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް އެ ޕާޓީން ވަނީ ނިންމައިފަ އެވެ.