
މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ، އެ ހިދުމަތް ތައާރަފު ކުރުމުން އެ އަވަށަށް ކޮށްދޭން ހުރި މަސައްކަތްތައް ނުނިމޭ ކަމަށެވެ. މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް ސީ އެމްބިއުލާންސްގައި އިތުރު އާލާތްތައް ހަރުކުރަން ޖެހޭ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.ވިލިމާލެއަކީ އަޅާނުލައި އޮތް ތަނެއްގެ ގޮތުގައި އޮތް އޮތުން، ނިމުމަކަށް ގެންދާނެކަން ފާހަގަ ކުރައްވައި ހަލީލް ވިދާޅުވީ، މި ސަރުކާރުން ވިލިމާލެ ތަރައްގީ ކޮށްދޭނެ ކަމަށެވެ."ޒަމާންތަކެއް ވަންދެން ތި ބޭފުޅުން ކުރައްވަމުން ގެންދެވި ޝަކުވާ، ކުރިން ވެސް އަޅުގަނޑު ދަންނަވާލި ގޮތަށް އަޅައިނުލެވި އޮތް ސަހަރެއް ގޮތުގައި މި އަވަށް އޮތް އޮތުން އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ނިމުމަކަށް އަންނަތަން ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" ޚަލީލް ވިދާޅުވި އެވެ.އައު ހޮސްޕިޓަލު އެޅުމަށް ހަމަޖެހިފައިވަނީ މިހާރު ވިލިމާލޭގެ ހޮސްޕިޓަލް ހިންގާ ބިމުގައެވެ. ނަމަވެސް، އެކަށީގެންވާ ޖާގަ ނުލިބޭ ނަމަ، ޓާޝަރީ ހޮސްޕިޓަލް އަޅާނީ ވިލިމާލެ ހޮސްޕިޓަލް މިހާރު ހިންގާ ތަން ތަޅާލުމަށް ފަހުގަ އެވެ.އެގޮތުން މިހާރު ހުރި ހޮސްޕިޓަލް ތަޅާލާ ނަމަ، ވަގުތީ ގޮތުން ކްލިނިކެއް ނުވަތަ ސިއްހީ މަރުކަޒެއް ހުޅުވާނެކަމަށް ސަރުކާރުން މައުލޫމާތުދެ އެވެ.އަލަށް އަޅާ ޓާޝަރީ ހޮސްޕިޓަލް ތަަރައްގީ ކުރެވިގެންދާނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަމަށް ހެލްތް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.ސިއްހީ ދާއިރާ އިތުރަށް ފުރިހަމަ ކުރުމަށް މި ސަރުކާރުގެ އެޖެންޑާގައި ހިމަނާފައިވާ ކަންތައްތައް ތަންފީޒުކުރުމުގެ މަސައްކަތާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ދެނެގަނެ އެކަންކަން ވެސް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ."ކެބިނެޓު ވަޒީރުން ތިބީ 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި. އަޅުގަނޑުމެން އެދެނީ މި މަސައްކަތުގައި ރައްޔިތުން އެއްބާރުލުން ދެއްވުމަށް. އެއީ އަޅުގަނޑުމެން ތިބެގެން ކިތަންމެ މަސައްކަތެއް ކުރިޔަސް މިކަން ފުރިހަމަވާ ތަނެއް ނުފެންނާނެ ރައްޔިތުންގެ ބައިވެރިވުން ނެތިއްޔާ،" އޭނާ ވިދާޅުވި އެވެ.ރައްޔިތުން ބޭނުންވާ ހިދުމަތްތަކަށް އެދި، އެކަންކަން ސަރުކާރާއި ހަމައަށް ގެނައުމަކީ ލިބޭނެ ފަސޭހައެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ވިލިމާލެ ހޮސްޕިޓަލުގެ ސިއްހީ ހިދުމަތްތައް ރަނގަޅުކޮށް، ވަސީލަތްތައް ފުރިހަމަ ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.