
ދިވެހިރާއްޖޭގައި ދިރިއުޅޭ، ދިވެހި ދައުލަތަށް ޓެކްސް ދައްކާ، އަދި ދިވެހިންނަށް ދަރިން ވިހައި އެދަރިންނަކީ ދިވެހި ގައުމަށް ފައިދާކުރާ ބައެއްކަމަށް ހަދާ ބިދޭސީ އަނބިންނާއި ފިރިން ދައުލަތުގެ ހެލްތު އިންޝުއަރެންސްގެ ނިޒާމަށް ނުވެއްދުމަކީ ދިވެހި އައިޑީކާޑު އޮތް ހަތަރުކަށިމަތި ދިވެހި ރައްޔިތުމީހާ އަށް ސަރުކާރުން ވެވޭ އިހާނާތެއް ނޫންތޯ އެވެ؟ ގާނޫނު ހަދަަ މީހުންނަކީ ދިވެހިންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން އެމީހުންނަށް ލިބިނީމާ އެކަމުގެ ސަބަބުން އެ އިއްޒަތްތެރި މެމްބަރުންގެ މުޅި އާއިލާއަށް އުމުރުދުވަހުގެ އިނާޔަތް ދީފައި، ދިވެއްސަކު ޞައްހަ ކައިވެންޏަކުން އިނދެގެން އުޅޭ ބިދޭސީ ބައިވެރިޔާ ދަރިޔަކު ވިހަން ހޮސްޕިޓަލުގައި އޮންނައިރު އޭނާއަށް ދައުލަތުން ލޯލާރިއެއް ދިނުމަށް އިންކާރު ކުރުމަކީ ހަގީގަތުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބޭއިންސާފު ޚިޔާނާތެކެވެ.މި ބާކީވުން އިތުރަށް ފާޅުވަނީ ސަރުކާރުގެ ވަޒީރުންނާއި، އެބޭފުޅުންގެ އާއިލާތަކާއި، މަޖިލީހުގެ މެންބަރުންނަށް އުމުރު ނިމެންދެން ޚާއްޞަ އިންޝުއަރެންސް ފައިދާތަކެއް ލިބިގެންދާ ވަގުތުތަކުގަ އެވެ. ސިއްހީ ހިދުމަތް ހޯދުމަށް ވާހަކަ ދައްކާއިރު އިންސާފުވެރިކަމާއި ހަމަހަމަކަމުގެ އުސޫލަށް އަލިއަޅުވާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ބިދޭސީ އަނބިމީހާ ނުވަތަ ކާފަ އާއި މާމަ އަކީ އެމީހުންގެ ޓެކްސް ފައިސާ މެދުވެރިކޮށް ގައުމުގެ އިގްތިސާދީ ތަރައްގީއަށް ޙިއްޞާ ކުރާ ބައެކެވެ. ސަރުކާރުގެ އޮފިޝަލުންނާއި އެމީހުންގެ އާއިލާތަކަށް ހާއްސަ އިންޝުއަރެންސް އިމްތިޔާޒުތަކެއް ލިބޭކަން ގަބޫލުކުރާއިރު، ކާފަ އާއި މާމައަށް ވެފައިވާ ބިދޭސީ އަނބިންނާއި ފިރިންނަށް ވެސް މިފަދަ މާއްދާއެއް ފުޅާކުރުމަކީ އިންސާފުވެރި އަދި "ޝާމިލު" މުޖުތަމައެއް އުފެއްދުމަށް އެޅޭ ފިޔަވަޅެކެވެ. މި ފިޔަވަޅަކީ އަޅުގަނޑުމެންގެ ޤައުމުން ދަމަހައްޓާ ހަމަހަމަކަމާއި އިޖުތިމާޢީ ޢަދުލުވެރިކަމުގެ އަގުތަކާ އެއްގޮތް ފިޔަވަޅެކެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ހުރިހާ މެމްބަރުންނަށް، އެމީހުންގެ ކައިވެނީގެ ފަސްގަނޑަށް ބެލުމެއްނެތި، އެމީހުންނަށް ހައްގުވާ ހެލްތު ކަވަރޭޖް ލިބޭނެކަން ކަށަވަރުކޮށްލަމާ ހިނގާށެވެ. ކޮންމެ ފަރުދެއްގެ ޙިއްޞާތަކަށް އަގުދޭ މުޖުތަމަޢެއްގެ ބިންގާތައް ހަރުދަނާ ކުރުމަށެވެ. މިއީ ކުޑަ ނަމަވެސް މުހިންމު މިދެންނެވި ބިދޭސީ ގްރޫޕަށް ކުރިމަތިވެފައިވާ ކަންބޮޑުވާ މައްސަލަ ހައްލުކުރަންވީ ވަގުތެވެ.