
މިއީ ކޮންސްޓްރަކްޝަނާއި، އުމްރާނީ ތަރައްގީ އަދި ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާޢަތުގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތަކާއި އުފެއްދުންތައް ފުޅާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ އެކްސްޕޯއެކެވެ."ނޭޝަނަލް ބިލްޑް އެކްސްޕޯ" ކުރިއަށް ދާނީ މިމަހުގެ 11 އިން 14 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ. އެކްސްޕޯ ކުރިއަށްދާނީ މިދުވަސްތަކުގެ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ. މިއީ ޢިމާރާތްކުރުމުގެ ސިނާޢަތުގައި މަސައްކަތްކުރާ ހުނަރުވެރި ފަރާތްތަކަށް އަމާޒުކޮށް ކުރިއަށްދާ އެކްސްޕޯއެކެވެ.މި އެކްސްޕޯގެ އަމާޒަކީ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ މަރުކަޒީ ހަބަކަށްވުމާއި، އެކުންފުނިތަކަށް ރޯ މެޓީރިއަލްސް، ހެވީ މެޝިނަރީ އަދި ކޮންސްޓްރަކްޝަންއާ ގުޅުންހުރި އެހެން އުފެއްދުންތައް ދައްކާލުމަށް ޕްލެޓްފޯމެއް ހޯދައިދިނުމެވެ.ނޭޝަނަލް ބިލްޑް އެކްސްޕޯ 2024 އަށް 8،000 އާއި 10،000 އާ ދެމެދުގެ އަދަދަކަށް މީހުން ޒިޔާރަތްކުރާނެކަމަށް މި އެކްސްޕޯ އިންތިޒާމުކުރާ ފަރާތްތަކުން މައުލޫމާތުދެ އެވެ.ބިލްޑް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވައިރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ، އެންމެ ކުދި ފަންތީގެ މަޝްރޫއުތަކުން ފެށިގެން އެއަރޕޯޓު ތަރައްގީކުރުން ފަދަ ބޮޑެތި މަޝްރޫއުތަކަށް އިމާރާތްކުރުމުގެ ސިނާޢަތަކީ މުހިންމު ސިނާއަތެއް ކަމަށެވެ.މިނިސްޓަރު ތޯރިގު ވިދާޅުވީ، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ އަހަރުތަކުގައި 15 ރިސޯޓް ޕްރޮޕަޓީސް އިތުރުވެ ހަމަ އެ މުއްދަތުގެ ތެރޭގައި 323 ގެސްޓް ހައުސްގެ އޮޕަރޭޝަނަށް ގެނެސްފައިވާކަމަށެވެ. މިނިސްޓަރު ތޯރިގު ވިދާޅުވީ، މިނިސްޓްރީ އޮފް ފިނޭންސް އިން އަންދާޒާކުރާގޮތުގައި ކުރިއަށްއޮތް 3 އަހަރަށް، އިމާރާތްކުރުމުގެ ސިނާއަތް %7.7 ގެ ކުރިއެރުމެއް ކޮންމެ އަހަރަކު ލިބޭނެ ކަމަށް ލަފާކުރެވޭކަމަށެވެ.