ޚަބަރު
އެގްރޮފޮރަސްޓްރީ ދަނޑުތައް ތަރައްގީ ކުރުމަށް ސޮއިކޮށްފި
ރާއްޖޭގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށާއި ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ރާއްޖޭގެ 10 ރަށެއްގައި އެގްރޯފޮރަސްޓްރީ ދަނޑުތަކެއް ހަދަން ދެ މިނިސްޓްރީއަކުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއީ އެގްރިކަލްޗަ މިނިސްޓްރީން ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށާއި މޫސުމީ ބަދަލުތަކަށް ހާއްސަކޮށްގެންނ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ކުރިއަށް ގެންދާ 5 މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ އެކި ސޮއިކުރި އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ހޮވާލެވޭ 10 ރަށެއްގައި ގަސްގަހާގެހި އިންދައި، އެ ތަންތަން އެގްރޮފޮރަސްޓްރީ ދަނޑުތަކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ދެއްވާ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ދެ މިނިސްޓްރީން ވެސް ބުންޏެވެ. އަދި މީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ބާރުލިބޭނެ ފަދަ ދެމެހެއްޓެނިވި ނިޒާމެއް ބިނާކުރުމެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން 400،000 ގަސް ސަޕްލައިކޮށްދޭނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން 10 ރަށެއްގައި 10 ނާސަރީ ހަދަން މިހާރު ވެސް ކައުންސިލްތަކާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި ރަށްރަށުގައި 1.8 މިލިއަން ގަސް ވަނީ އިންދައިފަ އެވެ. އަދި އެކި ފަރާތްތަކުން ޖުމްލަ 5.8 މިލިއަން ގަސް އިންދުމަށް ވައުދުވެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު