
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި އިގުތިސާދީ ކަންކަމާއި އެ ނޫން ވެސް ކަންކަމުގެ ސަބަބުން ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، ޒިންމާދާރުކަމާ އެކު ސަރުކާރު ޖަވާބުދާރީ ކުރުވަން ދެ ޕާޓީ ގުޅިގެން މަޖިލީހުގައި މަސައްކަތް ކުރަން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ."މި ރީޖަންތެރޭގައި މައްސަލަތަކެއް އުފެދި ގޮސް، މި ރީޖަންގެ ސްޓެބިލިޓީއާއި ސެކިއުރިޓީއަށް އަސަރުކުރާނެ ކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންވެގެން ދާތަން ފެނުމަކީ، އަދި އެއްވެސް ވިސްނުމެއް ނެތް ގޮތުގައި އެ ކަންތައްތައް ބައްޓަންވެގެންދާތަން ފެނުމަކީ އަޅުގަނޑުމެންނަށް ވަރަށް ކަންބޮޑުވުން ހުރި ކަމެއް،" އޭނާ ވިދާޅުވިއެވެ.ބޭރުގެ ގައުމުތަކުގައި ވެސް ހަނގުރާމަތައް ކުރަމުން އަންނަކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، އިންޑިއާ ކަނޑުގެ ހަމަޖެހުން ގެއްލޭ ފަދަ ކަންކަން މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.މި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ޕާޓީން ވެސް ވަނީ ސަރުކާރު ޖަވާބުދާރީކުރުވަން ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރެވޭނެ އަދަދާއި މަޖިލިސް މެންބަރުންގެ އަދަދު ލިމިޓުކުރަން ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. އެކަން ކުރަން މަޖިލީހުގެ ދައުރުން ހާއްސަ ޖަލްސާތަކެއް ބޭއްވުމަށް ވެސް އެމްޑީޕީ އާއި ޑިމޮކްރެޓުން ވަނީ ހުށަހަޅާފަ އެވެ.ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީ ދޫކޮށް ގިނަ މެމްބަރުންތަކެއް ގުޅިގެން އުފެއްދި ޕާޓީއެކެވެ. އެ މެމްބަރުން އެމްޑީޕީ ދޫކޮށްލީ ޕާޓީގެ އުސޫލުތަކާއި އަސާސްތަކާ އަދި މަގުސަދުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.