
ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ކޮލޮމްބޯއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އޭނާ މިއަދު ވަނީ އެ ގައުމުގެ ޕޯޓްސް، ޝިޕިން އަދި އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލާ ދި ސިލްވާއާ ބައްދަލުކުރައްވައިފަ އެވެ.އެ ބައްދަލުކުރެއްވުމަށް ފަހު ސިރިޕަލާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބައްދަލުވުމުގައި ރާއްޖޭގައި ހިނގާ ހާދިސާތަކުގައި އަނިޔާވާ މީހުން ކުއްލި ފަރުވާއަށް ލަންކާއަށް ގެންދިއުމާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރެއްވި ކަަމަށެވެ.މިނިސްޓަރު އަމީންއާ ހަވާލާދީ އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ހުރިހާ މެޑިކަލް އިވެކުއޭޝަން ފްލައިޓުތަކެއް އިންޑިއާއަށް ކުރަމުން އައި ނަމަވެސް، ލަންކާގެ ކުއްލި ފަރުވާގެ ފެންވަރު ރަނގަޅުވުމުން ބަލި މީޙުން ލަންކާ ހޮސްޕިޓަލުތަކަށް ފޮނުވަން ދިވެހި ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު، އެއްބަސްވީ އެއާ އެންބިއުލޭންސްގެ ހިދުމަތް މާލެ އާއި ކަޓުނެޔޭކް އެއާޕޯޓާ ދެމެދު މާޗު އެކެއްގައި ފެށުމަށެވެ.މި ބައްދަލުވުމަށްފަހު މިނިސްޓަރު އަމީންވެސް ވަނީ ރަސްމީ އެކްސް އެކައުންޓުން ޕޯސްޓެއް ކުރައްވާފަ އެވެ. އެ ޕޯސްޓުގައި މެޑިކަލް އެވަކުއޭޝަން ފުލައިޓުތައް ދަތުރުކުރުމަށް ފްރޭމްވޯކެއް އެކުލަވާލަން އެއްބަސްވި ކަމަށް ލިޔުއްވި ނަމަވެސް މާޗު އެކެއްގައި އެ ދަތުރުތައް ފެށޭނެ ކަމަށް ވިދާޅުވެފައެއް ނުވެ އެވެ.ލަންކާގެ އޭވިއޭޝަން މިނިސްޓަރުގެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ، މީގެ ކުރިން ކުއްލި ފަރުވާއަށް ދިވެހިން ހަމައެކަނި ގެންދާ ގައުމަކަށް އިންޑިއާ އޮތް އޮތުން ނިމުމަކަށް ގެނެސް ލަންކާއަށް ދަތުރުތައް ފަށަން ނިންމީ އެ ގައުމުގެ ހޮސްޕިޓަލުތަކުގައި އަވަސްފަރުވާގެ ފެންވަރު ރަނގަޅުވުމުން ކަމަށް މިނިސްޓަރު އަމީން ބައްދަލުވުމުގައި ވިދާޅުވި ކަމަށެވެ.މާޗު މަހުން ފެށިގެން އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ސަރުކާރުން ނިންމިކަން އިއުލާނުކޮށްފައިވަނީ މިދިޔަ މަހު 25 ގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.