ރިޕޯޓް
ރައީސް މުއިއްޒުގެ އިހަވަންދިއްޕޮޅު ތަޞައްވަރު ރަން އަކުރަށް..!
އައިހެވަންގެ ކުރެހުމެއް

ރައީސް މުއިއްޒުގެ ސަރުކާރުން އަމާޒު ހިފައިލަނީ ބައިނަލްއަޤްވާމީ ޝިޕިންގ ރޫޓުން ރާއްޖެއަށް ނަފާ ހޯދައިދޭނެ ކަނޑުގެ ހަބަކަށް އިހަވަންދިއްޕޮޅު ބަދަލުކުރުމުގެ މަގުސަދުގައި ސަރުކާރުގެ ހުރިހާ ކުންފުނިތަކެއް ގުޅިގެން ހިންގާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ހަގީގަތަކަށް ހެދުމަށެވެ. ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ރޫޓާއި ކައިރީގައި އޮންނަ އިހަވަންދިއްޕޮޅަކީ ގައުމަށް ކުރިން ނުކުރެވުނު އިގްތިޞާދީ ފުރުސަތުތައް ހުޅުވާލުމުގެ "ތަޅުދަނޑި ހިފަހައްޓާފައިވާ" ތަނެކެވެ.

މިސަރަހައްދަކީ ދުވާލަކު 400 އެއްހާ ބޯޓު އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރާ ސަރަހައްދެކެވެ. މިސަރަހައްދަށް ކުރިމަތިވެފައި ވަނީ ސަރަހައްދީ ބަނދަރުތަކުން ޑިމާންޑް ފުއްދައިދިނުމަށް ދަތިތަކެކެވެ. ފާހަގަކޮށްލެވޭ ކަމަކީ، އެންމެ ކައިރީގައި އޮންނަ ފެސިލިޓީ ކަމަށްވާ ކޮލަމްބޯ ބަނދަރުވެސް ފުރިހަމަވެފައި ނުވުމެވެ. 

ވަގުތު އެބައޮތް؟

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި، ޓްރާންސްފޯމަޓިވް ޕަވަރ އަށް ބަލާލާއިރު، ސިންގަޕޫރު ފަދަ ބަނދަރުތަކަކީ އިގްތިސާދީ ބާރުގަދަ ބަނދަރުތަކަކަށް ވެފައި، ސްޓްރެޓެޖިކް ޕޮޒިޝަނިންގ އާއި އެފިޝަންޓް އޮޕަރޭޝަންތަކުން އިގްތިސާދީ ކުރިއެރުން ކުރިއަށް ގެންދެވޭނެ ގޮތުގެ މޮޑެލްތަކެއްގެ ގޮތުގައި ހިދުމަތް ދެމުން އަންނަ ބަނދަރުތަކެކެވެ. ސަލާލާ، އޮމާން، އަދި އިންޑިއާގެ ބަނދަރުތައް މުޅީން ނުނިމެ އެވެ. އެދަނީ ތަރައްޤީ ކުރަމުންނެވެ. އެހެންކަމުން ރާއްޖެއަށް ކުރިމަތިވެފައިވަނީ މި ސްޓްރެޓެޖިކް ލޮކޭޝަންގެ ބޭނުން ހިފުމަށް މުހިންމު ވަގުތެކެވެ. އަވަސް ފިޔަވަޅެއް ނާޅައިފިނަމަ ރާއްޖެއަށް ލިބިފައި މިއޮތް މަގު ގެއްލިދާނެ އެވެ. ދުނިޔޭގެ ކާމިޔާބު އިސްނެގުމާ އަޅާކިޔުމުން މި ފުރުސަތުގެ ބޭނުން ހިފުމުގެ އަވަސްކަން ހާމަވެގެންދެ އެވެ.

ތާރީޚީ އަޅާކިޔުންތައް: 

ރައީސް މައުމޫން ގެދުވަސްވަރު ހއ. އަތޮޅުގައި 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ ޓްރާންޝިޕްމަންޓް ބަނދަރެއް ހަދަން ކުވޭތުގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކުރި އެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްގީ ކުރުމަށް އިންޑިޔާގެ ކުންފުންޏަކާ ވާހަކަ ދެއްކި އެވެ. ރައީސް ވަހީދުގެ ވެރިކަމުގައިވެސް މިފަދަ ވާހަކަތައް ދެއްކިއިރު، އޭގެފަހުން އައި ރައީސް ޔާމީނުގެ އައިހެވަން މަޝްރޫޢާއި، ރައީސް ޞޯލިޙްގެ އިހަވަންދިއްޕޮޅުގަ ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމުކުރަން އިއުލާންކުރި އެވެ. ނަމަވެސް މީގެން އެއްވެސް ވާހަކައެއްގައި ކުލައެއް ނުޖެހުނެވެ.

ދިރާސާތަކުން ބާރުއަޅާ ގޮތުގައި މިކަމުގެ ސަބަބުން މިހާރު ހިނގަމުންދާ ފަތުރުވެރިކަމުގެ ސިނާއަތުން އަހަރަކު ހަ ބިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ މިންވަރަށް ވުރެ މިއީ ކާމިޔާބު މަޝްރޫޢަކަށް ވާނެ އެވެ. މިސާލަކަށް ދަންނަވާނަމަ މިމަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ރޮޓަރޑަމް އާއި ދުބާއީގެ ބަނދަރުތަކުގެ ކުރިއެރުމުގެ ޓްރެޖެކްޓަރީ ބެލުމުން ސްޓްރެޓެޖިކް މެރިޓައިމް ޑިވެލޮޕްމަންޓުން ދިގުމުއްދަތުގެ އިގްތިސާދީ ފައިދާތަކާ ބެހޭ ގޮތުން ވިސްނުންތަކެއް ލިބިގެންދެ އެވެ. 

އިޤްތިޞާދީ ފުރުޞަތު: 

ދުވާލަކު ބޯޓު ދަތުރުފަތުރުގެ އެންމެ ފަސް ޕަސެންޓަށް ހިދުމަތް ދޭ ކަމަށް ކޮންޒަވޭޓިވް އަންދާޒާއެއް ކުރިޔަސް، ރާއްޖެއަށް އަހަރަކު ހަތަރު ބިލިއަން ޑޮލަރާއި 12 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ލިބިދާނެ އެވެ. މި ގާބިލްކަމުގެ ސަބަބުން ރާއްޖެ އޮތީ ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރު ލިބޭ އާމްދަނީއާ ވާދަކޮށް ބޮޑުތަނުން ފަހަނައަޅައި ދިއުމުގެ ތަފާތު މަގާމެއްގަ އެވެ. މީގެ ކުރިން އަޅުގަނޑު ވާނީ މިކަމާގުޅޭ ލިޔުމެއް ޝާއިރު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން: އެއް އިގްތިސާދަކަށް ބަރޯސާވުމުގެ ބިރުވެރި އިންޒާރު..!

ސަރުކާރުގެ ވަޢުދާއި ރައީސް މުއިއްޒުގެ ތަޞައްވުރު: 

ރައީސް މުއިއްޒުގެ ވެރިކަމުގައި އިކޮނޮމިކް ގޭޓްވޭ އަވަސްކުރުމަށް ވައުދުވެފައިވާއިރު، އަމާޒަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ހިދުމަތްތައް ފެށުމެވެ. ދެކުނު ކޮރެއާގެ ބުސާން އަދި ޗައިނާގެ ޝަންހާއީގައި ވެސް މިފަދަ ކާމިޔާބީތަކުގެ ވާހަކަތަކަށް ދުނިޔޭގެ ލީޑަރުން އަތްތިލަބަޑި ޖަހާއިރު، ރައީސް މުއިއްޒު ފާހަގަކުރެވެނީ ދިވެހީންގެ ރާއްޖޭގެ އިގްތިސާދީ ތަނަވަސްކަމާ ދިމާއަށް މަގުދައްކަވާ ކުރިއަށް ވިސްނާ ލީޑަރެއްގެ ގޮތުގަ އެވެ. 

އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރެވޭ: 

ދިރާސާތަކުން ލަފާކުރާ ގޮތުގައި މި އަވަސް ހިދުމަތުގެ ސަބަބުން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ފަސް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިދާނެ އެވެ. ޕެނަމާ ކެނަލް ފުޅާވުމާއި ސުއެޒް ކެނަލް ތަރައްގީވުމުގެ ކޭސް ސްޓަޑީތަކުން ސްޓްރެޓެޖިކް މެރިޓައިމް އިނިޝިއޭޓިވްތަކުން ގައުމީ އިގްތިސާދުތައް ބަދަލުކުރެވޭނެ ގޮތް އެހެރީ ފެންނާށެވެ. 

ޚުލާޞާކޮށް ދަންނަވާނަމަ، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ސަބަބުން ދުނިޔޭގެ ކަނޑުގެ ވިޔަފާރީގައި "ދިވެހީންގެ ރާއްޖޭގެ ދަރަޖަ" ކަށަވަރުކޮށްދޭނެ އެވެ. އިހަވަންދިއްޕޮޅުގެ ތަރައްގީ މެކުހަށް ޖަހައި ރައީސް މުއިއްޒުއަކީ ޤައުމު ތަނަވަސް އަދި ދެމެހެއްޓެނިވި އިޤްތިޞާދީ މުސްތަޤްބަލަކަށް ގެންދާ ތަޞައްވުރު ބޮޑު ލީޑަރެއްގެ ގޮތުގައި ރަން އަކުރުން ފަވާލެވޭނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު